ވިހި ވަނަ ގައުމީ މައިލޯ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) ހޯދައިފިއެވެ.
ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި މިރޭ ކޭވައިއާރުސީން ވާދަކުރީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ފައިނަލް މެޗުގައި ކޭވައިއާރްސީން ވަނީ ގްރީން ސްޓްރީޓްސްގެ މައްޗަށް 66-59 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.
މި ފަހަރުގެ ގައުމީ ހޭންޑް ބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ފަސް ޓީމަކުން ވާދަކޮށްފައިވާ އިރު، ފައިނަލަށް ދިޔަ ދެ ޓީމު ކަނޑައެޅީ ލީގު ބުރަކަށްފަހުއެވެ. ލީގު ބުރުގައި ގްރީންނާއި ކޭވައިއާރްސީ ވާދަކުރަން އޮތް މެޗު ކޭވައިއާރުސީން ދޫކޮށްލުމުން އެ މެޗުން ގްރީން މޮޅުވެ، ގްރީނަށް ލީގު ބުރުގެ އެއްވަނަ ލިބިފައިވާ އިރު، ކޭވައިއާރްސީން ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
އެކުވެނީގެ ނެޓްބޯޅަ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު، ގްރީނުން 18-14 އިން ކުރީގައި އޮތް ނަމަވެސް، ފޯރިގަދަކޮށް ފެނުނު ދެވަނަ ކުއާޓާ ކޭވައިއާރްސީން ނިންމާލީ 33-32 އިން ލީޑު ކޮށްގެންނެވެ.
ތިންވަނަ ކުއާޓާ ނިމުނުއިރުވެސް ކޭވައިއާރްސީން ލީޑުގައި އޮތް އިރު، ތިންވަނަ ކުއާޓާ ނިމުނީ 49-45 ގެ ފަރަގަކުންނެވެ. އެ ލީޑު ހަތަރުވަނަ ކުއާޓާގައިވެސް ކުޅުދުއްފުށިން ދަމަހައްޓައި، މެޗު 66-59 އިން ކާމިޔާބުކުރިއެވެ.
މިރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވާ އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭވައިއާރްސީގެ އައިޝަތު ސަލީމާއެވެ.
- އައިޝަތު ސަލީމާ - ކޭވައިއާރްސީ
- ލަޔާން އަލީ ރަޝީދު - ގްރީން ސްޓްރީޓްސް
- މަރިޔަމް ޝިނާއަތު - ކޭވައިއާރްސީ
- އައިމިނަތު ރީމް ޝާމް - ގްރީން ސްޓްރީޓްސް
- އައިމިނަތު ފިރުޝާ - ކޭވައިއާރްސީ
- އައިމިނަތު ނަޒުރާ - ގްރީން ސްޓްރީޓްސް
- މަލަކު އިސްމާއީލް މުހައްމަދު - ކޭވައިއާރްސީ
ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސްޕޯޓްސް ކްލަބު ޝައިނިން ސްޓާގެ އައިޝަތު ސާޔާ ފަސާހެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކޭވައިއާރްސީގެ ކޯޗު ނީޝާ ހަލީމް ހޮވުނު އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ކޭވައިއާރްސީގެ ސަލީމާއެވެ.
މިއަހަރުގެ ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ހޯދީ އެމްވީ ނެޓާސްއިންނެވެ.
ނެޓްބޯޅަ
ނެޓްބޯޅަ
ނެޓްބޯޅަ
ނެޓްބޯޅަ