މި ފެށޭ ބޮޑު އީދު ޗުއްޓީ ތެރޭގައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޑޮމެސްޓިކް ފްލައިޓުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އަހުމަދު މުޝްއިލް ސޮބާހު މިއަދު "ވަން" އަށް ވިދާޅުވީ އީދު ޗުއްޓީގައި އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިތުރުވާނެތީ ފްލައިޓްތައް އިތުރުކުރުމުގެ މަސައްކަތް މޯލްޑިވިއަން އިން ކުރަމުން އަންނަ ކަމަށެވެ. އަދި ފުނަދޫ، ހަނިމާދޫ، ހޯރަފުށި، ތިމަރަފުށި އަދި މާފަރު އެއާޕޯޓަށް އިތުރު ފްލައިޓުތައް ބާއްވަން މިހާރު ޝެޑިއުލް ކޮށްފައިވާ ކަމަށާއި ޗުއްޓީ ތެރޭގައި ޑޮމެސްޓިކް އެހެން އެއާޕޯޓުތަކަށްވެސް ދަތުރުތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

  • ފުނަދޫ އެއާޕޯޓު: 22 ޖޫން އިން 8 އޮގަސްޓަށް ކޮންމެ އަންގާރަ ދުވަހަކު އެއް ފްލައިޓް
  • ހަނިމާދޫ އެއާޕޯޓު: ޖޫން 23، 25 އަދި 27ގައި އިތުރު ފްލައިޓެއް
  • ހޯރަފުށި އެއާޕޯޓު: 22 ޖޫން އިން 8 އޮގަސްޓަށް ކޮންމެ ބުރާސްފަތި ދުވަހަކު އެއް ފްލައިޓު. އަދި ޖޫން 17، 19، 24 އަދި 26 ގައި އިތުރު ފްލައިޓެއް
  • ތިމަރަފުށި އެއާޕޯޓު: ޖޫން 23 އަދި 27ގައި ފްލައިޓެއް
  • މާފަރު އެއާޕޯޓު: 22 ޖޫން އިން 2 އޮގަސްޓަށް ބާއްވާނީ އޭޓީއާރުގެ 72 ޕަސިންޖަރުންގެ ޖާގައިގެ ފްލައިޓްތައް

މުޝްއިލް ވިދާޅުވީ އެހެން އެއާޕޯޓުތަކަށް ވުރެ ހޯރަފުއްޓަށް ބާއްވާ ފްލައިޓުތައް އިތުރުކޮށްފައިވަނީ މިއަހަރުގެ ބޮޑު އީދު ހޯރަފުށީގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވުމުން ކަމަށެވެ. އަދި އީދު ޗުއްޓީ ތެރޭގައި އެހެން އެއާޕޯޓުތަކަށް ފްލައިޓް އިތުރުކުރާނެ ގޮތުގެ ޝެޑިއުލްތައް ކަނޑައެޅުނުހާ އަވަހަކަށް އެ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދެމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު 18 އެއާޕޯޓު އޮތް އިރު، މޯލްޑިވިއަން އިން އަންނަނީ 17 އެއާޕޯޓަށް ދަތުރުކުރަމުންނެވެ. ޗުއްޓީތަކާ ދިމާކޮށް ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް މޯލްޑިވިއަން އިން އަބަދުވެސް ފްލައިޓްތައް އިތުރު ކުރެއެވެ. އަދި އެކި މުނާސަބާތަކާ ގުޅިގެން އެކި ކަހަލަ ޕްރޮމޯޝަންތައްވެސް އަންނަނީ ހިންގަމުންނެވެ.