އިނގިރޭސި ވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރި އެއްބަސްވުމެއް އެކުލަވާލުމަށް ފެށި މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމަށް ރަނގަޅު މާކެޓެއް ހޯދުމަށް ފަހުގެ ތާރީހެއްގައި އެޅި އެންމެ މުހިއްމު ފިޔަވަޅު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ސަރުކާރުން މިއަދު ވަނީ ރާއްޖެއާއެކު މުދަލުގެ ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެގޮތުން މި މިނިވަން ވިޔަފާރި އެއްބަސްވުން ގާއިމުކުރުމަށް ޓަކައި އެގައުމުން މިއަދު ހިޔާލު ހޯދުމުގެ މަޝްވަރާތައް ފަށާފައިވާއިރު އެ މަޝްވަރާތަކަށް ޔޫކޭގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކާއި އާއްމުންނަށްވެސް ދައުވަތު ދީފައިވާ ކަމަށާއި މި މަޝްވަރާތައް 8 ހަފުތާއަށް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އިނގިރޭސި ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެެއްގެ މަޝްވަރާގެ މަރުހަލާ ފެށިގެންދިޔުމީ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ޓުވީޓުގައި މިނިސްޓަރު ވަނީ އެކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވައިފައެވެ.

ފައްޔާޒް ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އިނގިރޭސި ސަރުކާރުން މިއަދު ފެށި މި މަޝްވަރާތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައި މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ. ރައީސް އޮފީހުން ނެރުނު އެބަޔާނުގައި ބުނީ މި މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގުތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އިނގިރޭސި ސަރުކާރުގެ މި މަސައްކަތް ފާހަގަކުރައްވައި މަރުހަބާގެ ޓުވީޓެއް ކުރައްވާފަ އެވެ. އެ ޓުވީޓުގައި ޝާހިދު ވިދާޅުވީ މިއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސެންޓު ޑިއުޓީ ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ ހަތަރު އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.