ރާއްޖޭގެ އެކި ރަށްރަށުން 2،500 އެއްހާ މީހުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާ ގުޅިއްޖެއެވެ.

އެ ފޯމުތަކާ ހަވާލުވެލެއްވުމަށްފަހު ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ކުރިއަރަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެގޮތުން މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"އައްޑު އަތޮޅުން މިދިޔަ ދެތިން ދުވަހު އަޅުގަނޑުމެންނާ ގުޅުނު މެންބަރުންގެ ފޯމުތައް އައްޑޫން އަޅުގަނޑުމެންނާ ހަވާލުވެފައިވޭ. ދެން ޖުމުލަ މި ކުރެވުނު ކުޑަ މަސައްކަތުގެ ތެރެއިން 2،500 އެއްހާ ފޯމު އަޅުގަނޑުމެންނަށް އެބަ ލިބޭ،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ ގާނޫނާ އެއްގޮތް ނޫން ގޮތަށް ކުރިން އޮތް އަދަދާ ހަމައަށް ގާނޫނީ ގޮތުން ރަޖިސްޓްރީ ވެގެން މެންބަރުން ހަމަކުރުން ކަމަށެވެ.

މީގެ ކުރިން އެމްޑީޕީގައި 96،000 މެންބަރުން ތިއްބެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ދަފުތަރުގައި އެ މެންބަރުންގެ ތެރެއިން 49،000 މެންބަރުން ވަނީ އުނިކޮށްފައެވެ.

އެމްޑީޕީއަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި 57،660 މެންބަރުން އެބަ ތިއްބެވެ.