ފުވައްމުލަކުގެ ޑައިވިން ޕޮއިންޓްތަކަށް ޑައިވްކުރާ ފަތުރުވެރިންނާއި ދިވެހިންވެސް ކައުންސިލަށް ފީއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ގެޒެޓުކުރި "ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު"ގައި ވާގޮތުން ފުވައްމުލަކުގެ އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތަކަށް ޑައިވްކޮށް ފީނައި ފޮޓޯ ނެގުމަށް ކައުންސިލުން ހާއްސަ ހުއްދައެއް ހޯދަންޖެހެއެވެ.
އެކަމަށްޓަކައި ފުވައްމުލައް ކައުންސިލުން ވަނީ އެ ސަރަހައްދުތައް ދެ ޒޯނަކަށް ބަހާލައިފައެވެ. ފުރަތަމަ ޒޯނަކީ މަޝްހޫރު ފުވައްމުލައް ޓައިގާ ޝާކް ޕޮއިންޓެވެ. ފުވައްމުލައް ޓައިގާ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ. ހިމާޔަތްކޮށްފައިވާ އެ ސަރަހައްދަކީ ފުވައްމުލައް ބަނދަރު ތޮށީގެ ބޭރުގައި އޮންނަ "ފަރިކެޑެ" ސަރަހައްދުގެ ބައެކެވެ.
ދެވަނަ ޒޯނަކީ ޓައިގާ ޕޮއިންޓް ފިޔަވައި ފުވައްމުލަކު އިހުތިސާސު ތެރޭގައި ހިމެނޭ ކަނޑުގެ ހުރިހާ ސަރަހައްދެކެވެ. ފުވައްމުލަކު ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ރަށުގެ ބޮޑުބައެއް ހިމެނިފައިވާއިރު ވަށައިގެންވާ ކަނޑުގެ ވަކި ސަރަހައްދަކީވެސް އެ ރިޒާވްގައި ހިމަނާފައިވާ ތަނެކެވެ.
- އެ ސަރަހައްދުތަކުގައި މަސްވެރިކަމުގެ ބޭނުމަށް ފިޔަވައި ޑައިވްކުރުމާއި އުޅަނޑު މަޑުކޮށްގެން ފީނައި ދިރާސާތާކޮށް ހެދޭނީ ކައުންސިލުން ހުއްދަ ހޯދައިގެން
- އެ ސަރަހައްދުގެ އެއްވެސް ފަރެއްގައި އެންކަރުކުރުން މަނާވާނެ
- ފުވައްމުލައް ޑައިވް ސްކޫލުތައް ނޫން އެހެން ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް، ފޮޓޯ ނެގުމާއި ވީޑިއޯކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭ. އޭގެ ތެރޭގައި ޓީވީ ޗެނަލްތައްވެސް ހިމެނޭ
- ޑައިވްކުރާ ކޮންމެ 10 މީހެއްގެ ގުރޫޕެއްގައި ކައުންސިލުން ހުއްދަ ދީފައިވާ ގައިޑެއް ހުންނަންޖެހޭ. ގައިޑުކަމުގެ ހުއްދަ ދޫކުރަނީ 500 ރުފިޔާގެ ފީއެއް ނެގުމަށްފަހު
- ޑައިވްކުރުމުގެ ހުއްދައަށް އެދުމުގެ ކުރިން ކައުންސިލުގައި ރަޖިސްޓްރީ ކުރަންޖެހޭ. ފުވައްމުލައް ޑައިވް ސްކޫލްތައް ނޫން ފަރާތްތަކުން ޑައިވްކުރަން ދާ ކޮންމެ ދަތުރަކަށް ވަކިން ހުއްދަ ނަގަންޖެހޭ.
- ފުވައްމުލައް ޑައިވް ސްކޫލުތަކުން މަހުން މަހަށް ޑައިވްކުރި ގޮތުގެ ރިޕޯޓު ކައުންސިލަށް ހުށަހަޅަންޖެހޭ
މި ގަވާއިދުގައި ފުވައްމުލައް ޓައިގާ ޝާކް ޕޮއިންޓަށް ޑައިވްކުރުމަށް ހާއްސަ ޝަރުތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ހަރަކާތް ހިންގަން ހުއްދަ ނަގަންޖެހޭ އިރު، އެއްފަހަރާ ޑައިވް ކުރެވޭނީ ގިނަވެގެން 35 މީހުންނަށެވެ. އަދި ސަފާރީ ނުވަތަ އެހެން ފަރާތްތަކުން އެ ސަރަހައްދުގައި ޑައިވް ކުރެވޭނީ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ޑައިވް ސްކޫލެއް މެދުވެރިކޮށް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުން އެ ސަރަހައްދަށް ޑައިވްކުރާ ރާއްޖޭން ބޭރުގެ ސަފާރީ ނުވަތަ އުޅަނދުތަކުން ޑައިވްކުރާ ކޮންމެ މީހަކަށް 15 ދުވަހުގެ މުއްދަތައް 200 ޑޮލަރު ދައްކަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. ފުވައްމުލަކުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޑައިވް ސްކޫލުތަކާއި ލޯކަލް ސަފާރީތަކުން ޑައިވްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 15 ދުވަހަށް 55 ޑޮލަރު ޗާޖުކުރާއިރު ރަޖިސްޓްރީ ކޮށްފައިވާ ޑައިވް ސްކޫލުތަކުން 40 ޑޮލަރު ނަގާނެއެވެ. އަދި ޑައިވްކުރާ ކޮންމެ ދިވެއްސެއް އަދި ވޯކްޕާމިޓް ހޯލްޑަރެއްގެ އަތުން އެ މުއްދަތަށް 20 ޑޮލަރު ނެގުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފެށި ނަމަވެސް، ޑައިވްކުރާ މީހުން އަތުން ފީ ނަގަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު