"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި ފަރާތްތަކަށް ސަރުކާރުން ބިރުދައްކާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލިސް މެންބަރުންގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ހަސަލް ލަތީފް ވިދާޅުވީ، ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ސޮއި ހުށަހެޅުމަށް އެންގުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 3560 ފޯމު ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެ ފޯމުތަކުގެ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސްމީހުންނަށް ގުޅައި ބިރުދައްކަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަމުން، އެގޮތުން ސޮއިކުރި ފަރާތްތަކަށް ގުޅުއްވައި، އެ ފަރާތްތަކުގެ އަރިހުން ސާފުކުރަމުން ގެންދަނީ، ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށހަޅާފައިވޭތޯ، ނުވަތަ ދަރިފުޅުގެ ސްޓޫޑެންޓް ލޯނަށް ހުހަޅާފައިވޭތޯ ފަދަ ކަންތައްތައް،"

ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް އެމީހުންގެ ދަރިން ވަޒީފާގައި އޭނާ ބަހައްޓަން ބޭނުން ނަމަ ޑިމޮކްރަޓްސް އަށް ކުރިސޮއި އަނބުރާ ގެންދިއުމަށް އަންގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ އޭނާ ކޮށްފައިވާ ސޮއެއް ނޫންކަމަށް އީސީގައި ބުނުމަށް އަންގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ބިރުދައްކައިގެން މީހުންގެ ބޯހިޔާވަހިކަމާއި ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތު ފަދަ ހައްގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ އެމްޑީޕީ އުފެއްދި މަގުސަދުތަކާއި ވަކާލާތުކުރަމުންދިޔަ ހަމަތަކާއި އުސޫލުތަކާ އިދިކޮޅު އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 16 މެންބަރުން ވޯޓު ދެއްވީ ބަހުސްކުރަން ފެންނަ ކަމަށެވެ. ނަމަވެސް އެގޮތަށް ނުފެންނަ ކަމަށް 33 މެންބަރުން ވޯޓުދެއްވިއެވެ.