ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފުލެޓު ފަރާތްތައް ކަނޑައަޅައި، އޭގެ ލިސްޓު ބޮޑު އީދުގެ ކުރިން އިއުލާނު ކުރާނެ ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފުލެޓުދޭނެ ފަރާތްތައް ކަނޑައަޅައި އިވެލުއޭޓު ކުރުމަށް އެކުލަވައިލި ހާއްސަ ކޮމެޓީ، "ގެދޮރުވެރިންގެ ކޮމިޓީ" ގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ލިސްޓް އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
"މިމަހު ލިސްޓް އިއުލާން ކުރާނަން. ބޮޑު އީދުގެ ކުރިން އިއުލާނު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އަކްރަމް ވިދާޅުވިއެވެ.
ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،800 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައެވެ.
އޭގެ ތެރެއިން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާ އިރު، ފްލެޓަށް ކުރިމަތިލީ 20،697 މީހުންނެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ކުރިމަތިލާފައިވާ އިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.
ހަތަަރުހާސް ހައުސިން މަޝްރޫއުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާއިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އޮގަސްޓް މަހުގެ ނިޔަލަށް އަށް ޓަވަރެއްގެ މަސައްކަތް ނިންމައި، މީހުން ވެއްދޭވަރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެހާ ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް ނިމޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު