އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ހިމެނޭ ގޮތަށް ފަސް އޮފިސަރަކު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ ނިންމުން ސިވިލް ކޯޓުން ބާތިލުކުރި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ޕޮލިސް ބޯޑުގެ ލަފައާއެކު ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން 2021 ވަނަ އަހަރު ނިންމިއެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ ޖަމްޝީދާއި ޓޫފޯގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އޭގެ ތެރެއިން ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ނެރުނު ކޯޓު އަމުރަކާ ގުޅިގެން އެ ބޭފުޅުން އޭރު ތިއްބެވީ ވަޒީފާގައެވެ. ނަމަވެސް ޓޫފޯ އާއި ޖަމްޝީދަށް 10 އޮކްޓޯބަރު 2021 ގައި ވަޒީފާއިން ވަކިކުރުމުގެ ލިޔުންދިނެވެ.
އެ ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުގައި އެދިފައި ވަނީ، އެ ބޭފުޅުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމާއި ޕޮލިސް ބޯޑުގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، ޓޫފޯ އާއި ޖަމްޝީދު ވަކިކުރަން 10 އޮކްޓޫބަރު 2021 ގައި ފުލުހުންގެ އިދާރާއިން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި ގާނޫނީ އުސޫލުތަކާއި އަދުލު އިންސާފުގެ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލައިގައި 21 ޑިސެމްބަރު 2022 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އެ ފަރާތްތައް ވަކި ކުރެވޭނީ ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.
އަދި އެ ފަރާތްތައް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާކަން ސާބިތުވާން ނެތަތީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، އެ ފަރާތްތައް ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މުހައްމަދު އަހުމަދާއި ޖަމްޝީދު ވަކިކުރަން ނިންމި ނިންމުމާއި ދެން ތިބި އޮފިސަރުންނަށް ދީފައިވާ ނޯޓިސްއަކީ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި، އެ ފަރާތްތައް ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް އެފަރާތުން ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، ހައިކޯޓުގައި ހިގަމުންދާ އިސްތިއުނާފު މައްސަލައަށް ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ނޫން ގޮތަކަށް އަންގަންދެން، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރު ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު