ދަ ކޮކާކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) މިއަދު ގާއިމުކޮށް ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ ބައިވެރިން ގުޅިގެން މުހިންމު މަޝްރޫއެއް ފަށައިފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށި މި މަޝްރޫއަކީ އުކާލެވޭ ޕްލާސްޓިކް އެއްކޮށް، ރީސައިކަލް ކުރުމާއި ޕެކޭޖިންގެ ވަށާޖެހޭ އިގުތިސާދެއް ބިނާކުރުމަށް ފެށި މަޝްރޫއެކެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މި ފެސިލިޓީ އިފުތިތާހުކޮށްދެއްވީ މިއަދު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސްއެވެ.
އެމްއާރްއެފަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެކެވެ. މިއީ ވަށާޖެހޭ އިގުތިސާދެއް ގާއިމުކުރުމާއި ކުނި މެނޭޖުކުރުމާއި ތަގައްޔަރުވުން ހުއްޓުވުމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށާއި ޕެޓް ފަދަ އަލުން ބޭނުންކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެކެވެ. އަދި ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުން ފަދަ ކަންކަމަށްވެސް އެމްއާރްއެފްތަކުން ބާރު އަޅައެވެ.
މި އެމްއާރްއެފް ގާއިމުކޮށް ހިންގުމަށް ކޮކާކޯލާ ފައުންޑޭޝަނުން ވަނީ 150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފައެވެ. އަދި މިއީ ޕްލާސްޓިކް ކުނިން ތަގައްޔަރުވުން ހުއްޓުވުމަށާއި ރާއްޖޭގައި ވަށާޖެހޭ އިގުތިސާދެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަ ކޮކާކޯލާ ފައުންޑޭޝަނުން ރާއްޖެއަށް އެހީ ދިން ފުރަތަމަ ފަހަރެވެ.
ދަ ކޮކާކޯލާ ފައުންޑޭޝަންގެ ރައީސް ސާދިޔާ މެޑްސްބްޖާގް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުޖުތަމައުތަކަށް ހުރި ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ އީޖާދީ ވިސްނުމާއި މުއައްސަސާތަކަށް އިންވެސްޓް ކޮށްގެން ތަފާތުތަކެއް ގެނެސްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ގާއިމުކުރި ފެސިލިޓީ ހުޅުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
"މި ފެސިލިޓީ އެޅުމަށް ޖާގަ ފަހިކޮށްދެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި އާބަންކޯއަށް ޝުކުރު އަދާކުރަން. މިއީ ޕެޓް ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގުތިސާދެއް އުފެއްދުމުގައި އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސަރުކާރާއެކު ފަށާފައިވާ މުހިންމު މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް." ސާދިޔާ މެޑްސްބްޖާގް ވިދާޅުވިއެވެ.
ދަ ކޮކާކޯލާ ފައުންޑޭޝަނަކީ ކޮކާކޯލާ ކުންފުނީގެ ބައިނަލްއަގުވާމީ ރޮނގުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. 1984 ވަނަ އަހަރު ގާއިމުކުރި މި ފައުންޑޭޝަނަކީ އަންހެނުން ބާރުވެރިކުރުވައި ތިމާވެށި ހިމާޔަތްކޮށް، އެ ފަރާތުން ހިދުމަތްކުރާ މުޖުތަމައުތަކުގެ މުޅި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ފައުންޑޭޝަނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު