ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް މަޖިލީހުގެ ޖަލްސާ މެދުކަޑާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ބަންޑާރަ ނާއިބު ހާޒިރުވެ އިންނެވިއެވެ.
ޖަލްސާ ފެށުމާއެކު، އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އާއި ޕީއެންސީގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.
ބަންޑާރަ ނާއިބަށް ނިސްބަތް ކުރައްވައި އެ ތިން މެންބަރުން ނުރުހުން ފާޅު ކުރެއްވީ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުށްވެރި ކުރައްވައެވެ.
ބަންޑާ ރަނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފައި ވަނީ ޗާގޯސް މައްސަލައިގައި ސަރުކާރުން ގެންގުޅުނު ސިޔާސަތާ ނުރުހިގެންނެވެ.
އިދިކޮޅު އެ ތިންމެންބަރުން އަޑުގަދަ ކުރައްވަމުން މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން، އެ ދިމާލުން އަރިމަތީގައި ހުންނަ، ވަޒީރުން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާ މޭޒުގައި އިންނެވި ބަންޑާރަ ނާއިބާ ދިމާލަށް އަތް އުއްކަވައި ނުރުހުން ފަޅު ކުރައްވައި އަޑުގަދަކުރައްވަމުން ގެންދެވިއެވެ. ފަހުން ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް އެބޭފުޅުންނާ ބައިވެރިވެވަޑައިގެންނެވިއެވެ.
އެހެންދުވަސްދުވަހުހެން، މާ ހަރުކަށިކޮށް، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މަޖިލިސް ރައީސް މިއަދު އެ ބޭފުޅުންނަކަށް ނާންގަވައެވެ.
ނަމަވެސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު، އަބްދުލް މުގުނީ އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ އިތުުރުން އިބްރާހިމް ފަޒުލް ރަޝީދަަށް، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވިއެވެ.
ދޭތެރެ ދޭތެރެއިން ވިދާޅުވަމުން ގެންދެވީ، މަޖިލީހުގެ މިއަދުގެ މަސައްކަތް ފެށުމަށް ފުރުސަތު ދެއްވުމަށެވެ. ހުރިހާ މެންބަރުން އިށީންދެވަޑައިގެންދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އަޑުގަދަކުރައްވަމުން ގެންދެވި މެންބަރުންނަށް ނިސްބަތްކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ، "މިއަދުގެ މަސައްކަތް ފަށައިގަނެ ކުރިއަށް ގެންދެވުނީމަ، ތި ވިދާޅުވި ކަންކަމަށް މަގުފައިވެގެންދާނެ، މަޖިލީހުގެ އިޖުރާއަތުގެ ތެރެއިން މި މަސައްކަތް އަޅުގަނޑަށް ކުރިއަށްގެންދެވޭނީ، މައްސަލަ ފެށޭނެ ފުރުސަތު ދެއްވުމަށްއެދެން،" ކަމަށެވެ.
ނަމަވެސް އެ މެންބަރުން އަޑުގަދަ ކުރުން ހުއްޓަވައެއް ނުލެއްވިއެވެ. އެކަމާ ގުޅިގެން ޖަލްސާގައި ތިއްބެވި އެހެން މެންބަރުންވެސް ހަޅޭއްލަވަމުން ގެންދެވިއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ނިޒާމީ މައްސަލަ ނަންގަވައި، ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވަމުން ގެންދެވި މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް ރައީސް އެ ނިޒާމީ ނުކުތާއަށް މާބޮޑު ސަމާލު ކަމެއް ނުދެއްވިއެވެ.
މަޖިލީހުގެ ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވަން ކަމަށް ވިދާޅުވެ، އިރުކޮޅެއްފަހުން މަޖިލިސް ރައީސް ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު