އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓިކްސް" ފުނޑާލަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ ޕާޓީގެ 12 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 24ގަ އެވެ. ޑިމޮކްރެޓްސްއިން މިހާރު ވަނީ ޕާޓީއަށް މެންބަރުން ހަމަކޮށް ޕާޓީ ރަޖިސްޓަރީކުރަން އީސީއަށް ހުށަހަޅައިފައެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ މިނިސްޓަރު ފައްޔާޒް އަޑީގައި ހުންނަވައި ޑިމޮކްރެޓްސް ފުނޑާލުމުގެ މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރައްވަމުންނެވެ.

މި ވަގުތު އައްޑޫ ސިޓީގައި ހުންނެވި ފައްޔާޒް އިސްމާއީލަށް، މި ތުހުމަތާ ގުޅިގެން، "ވަން" އިން ސުވާލު ދެންނެވުމުން ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަމުން ގެންދަވަނީ އެމްޑީޕީ ކުރިއެރުވުމަށް ކަމަށެވެ

"އަޅުގަނޑުމެން މަސައްކަތް ކުރާނީ އެމްޑީޕީ ކުރިއަރުވަން. އެހެން ޕާޓީއެއް ފުނޑާލާކަށެއް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޑިމޮކްރެޓްސްއާ އެމްޑީޕީގެ ބައެއް މެންބަރުންވެސް ގުޅިފައިވާ ކަމަށާއި އެ މެންބަރުން އަނބުރާ އެމްޑީޕީއަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

"މިހާރުވެސް އައްޑޫ ސިޓީގައި ވަރަށް ގިނަ އާ ބޭފުޅުން އެމްޑީޕީއާ ގުޅިއްޖެ، ދެން ތި ވިދާޅުވާ ޑިމޮކްރެޓްސްއާ ގުޅުން ބޭފުޅުން އެބަތިބި. ދެން ވާހަކަ ދައްކައިގެން އެ ބޭފުޅުން (އެމްޑީޕީ) އަށް ގެނައުމުގެ މަސައްކަތް ކުރަންވާނެ ދެއްތޯ އަޅުގަނޑުމެންވެސް. އެ ނޫން މަސައްކަތެއް އަޅުގަނޑުމެން ނުކުރަން." ފައްޔާޒް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ވަނީ، އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންގެ ލިސްޓެއް އީސީގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ލިސްޓު އާއްމުވުމާ އެކު، ލިސްޓުގައި ތިބި މީހުންނަށް ވަކިވަކިން ގުޅައި ސަރުކާރުގެ ބޭފުޅުން ބިރުދައްކަން ފަށާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އީސީއާއި ފުލުހަށްވެސް ވަނީ ހުށަހަޅައިފައެވެ.