ކިމް ޖޮންގް އުން އަށް މަރުހަބާ ވިދާޅުވުމާއެކު ޓްރަމްޕް ހޫނުފެނަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ މައި އިދާރާ "ވޯލްޑް ހެލްތް އޯގަނައިޒޭޝަން" ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް ފުރަތަމަ ފަހަރަށް އުތުރުކޮރެއާ ހޮވުމާއެކު ޓްރަމްޕް ވަނީ އެގައުމުގެ ލީޑަރަށް މަރުހަބާ ވިދާޅުވެފައެވެ.

ކިމް އަށް މަރުހަބާ ވިދާޅުވުމާއެކު އެމެރިކާ ސަރުކާރާއި ސިޔާސީ ގިނަ ފަރާތްތަކުން ވަނީ ޓްރަމްޕް އަށް ފާޑުކިޔަން ފަށާފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އދ އަށް ކަނޑައަޅާފައިހުންނަ އެމްބެސަޑަރ ނިކީ ހޭލީވަނީ ވެސް ޓުވިޓާ މެދުވެރިކުރައްވައި ފާޑުވިދާޅުވެފައެވެ. ހޭލީ ވަނީ ކިމް ޖޮންގް އުން އަކީ އޭނާގެ ގައުމުގެ ރައްޔިތުން ބަނޑަށް ޖައްސާ މީހެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެ މަނިކުފާނު ވަނީ އުތުރު ކޮރެއާއާއެކު ބަދަހި ގުޅުމެއް ގާއިމު ކުރައްވަން މަސައްކަތް ކުރައްވައިފައެވެ. ޓްރަމްޕް ވަނީ އުތުރު ކޮރެއާއަށް އިހުތިރާމުގެ ޒިޔާރާތެއްވެސް ކުރައްވައިފައެވެ.