ބެލްޖިއަމްގެ ބޮޑުވަޒީރު ބައިސްކަލުން ވެއްޓި ހޭނެތިއްޖެއެވެ.

ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރ ދި ކްރޫ ބައިސްކަލުން ވެއްޓިފައިވަނީ ދަރިފުޅާއެކު ބައިސްކަލު ދުއްވަވަނިކޮށް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހާދިސާ ހިނގުމާއެކު ބޮޑުވަޒީރު އެލެގްޒެންޑަރ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. ނަމަވެސް ލިބިފައި ހުރި އަނިޔާގެ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

ބޮޑުވަޒީރު އެލެގްޒެންޑަރ ވަނީ ހާދިސާއާ ބެހޭ މައުލޫމާތު ވީޑިއޯ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ. އޭނާ ވަނީ އެ ހާދިސާ ހިނގި ވަގުތުން ފެށިގެން ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ބޮޑުވަޒީރު ފާހަގަކުރެއްވިގޮތުގައި، ހާދިސާގެ ސަބަބުން ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެވަޑައިގަތީ، އެ ވަގުތު ހެލްމެޓް އަޅުއްވައިގެން ހުންނެވުމުގެ ސަބަބުންނެވެ.

ބެލްޖިއަމްގެ ސަރުކާރުގެ އޮފިޝަލަކު ވަނީ ބޮޑުވަޒީރުގެ ހާލުކޮޅު ރަނގަޅުކަމަށާއި އާދައިގެމަތީން އޮފީހުގެ މަސައްކަތް ރާވާފައިވާ ގޮތުގެ މަތިން ކުރިޔަށް ދާނެކަންވެސް ފާހަގަކުރައްވައިފައެވެ.