އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެސްޓްހައުސްތައް ނިންމައިދޭ މޮޑެލެއް އެސްޑީއެފްސީން ތައާރަފުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ, އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރު ފައިނޭންސް މޮޑެލް އައްދޫއަށް އަންނާނެ ކަމަށެވެ.

އެގޮތުން އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް, އެތަންތަން ދިގުމުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅަ ނިންމައިދޭނެ ކަމަށް ވިދާޅުވިއެވެ.

"އެއީ ދިގުމުއްދަތުން އަނބުރާ ދައްކާ ގޮތަށް ހިންގޭ މަޝްރޫއެއް. މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިން އެބަވޭ. އޭގެ ތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރު ވަނީ އެދިފަ. މިއީ ޖުމުލަ 2,870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެއް," ރައީސް ވިދާޅުވިއެވެ.