އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން

އައްޑޫ ސިޓީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފިއެވެ.

އެ މަޝްރޫއު ރައީސް ފައްޓަވައިދެއްްވީ އެ މަނިކުފާނު އައްޑޫއަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްތޫއު ހަވާލުކޮށްފައިވަނީ، ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާއެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ.

  • ހިތަދޫއަށް 90 ހެކްޓަރުގެ ބިން ހިއްކައި 4700 މީޓަރުގެ ބޮޑުހިލަ ޖެހުން
  • މަރަދޫ/ މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން ހިއްކައި 3400 މީޓަރުގެ ބޮޑުހިލަ ޖެހުން
  • ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައި 4100 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުން
  • ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކައި 1575 މީޓަރުގެ ބޮޑުހިލަ ޖެހުން

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެނެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން ވެން އޫޑްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫއަކީ މުއްސަނދި މާހައުލީ ނިޒާމެއް އޮތް އަތޮޅެއްކަމުން ތިމާވެށި ރައްކާތެރިކުރުމަކީ އެ މަޝްރޫއުގެ ހުރިހާ ކަމެއްގައި އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ. އެގޮތުން އެހެން މަޝްރޫއުތަކުގެ އަލީގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގައި ބިން ހިއްކުމަށް ވެން އޫޑްއިން ބޭނުންކުރާނީ އެ ކުންފުނީގެ ޑްރެޖިން ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖާ އެޗްއޭއެމް 318 އެވެ.