އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ އަރިހު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި އައްޑޫގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވައި، މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވާލައްވާނެ ކަމަށް ބުންޏެވެ.

އެގޮތުން އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، އެ ސިޓީގެ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.