މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ އޮފިސަރުންގެ މައުލޫމާތު ހާމަކުރާނަމަ، އެކަން ކުރާ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް، އޮފިސަރެއްގެ ފޮޓޯ އާއި ވަނަވަރު ޓުވިޓާގައި ވަނީ އާންމުކޮށްފައެވެ.
އޮފިސަރުގެ މައުލޫމާތު އާންމުކުރުމާ ގުޅިގެން ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރާ ގުޅޭގޮތުން އާންމު ކޮށްފައިވަނީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށެވެ. އޮފިސަރު ބަދުނާމުކުރުމުގެ ބޭނުމުގައި މައުލޫމާތު އާންމުކުރުމުގެ ސަބަބުން އެ އޮފިސަރަށް އެކި ފަރާތްތަކުން ބިރު ދައްކައި އިންޒާރު ދެމުންދާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
"މިފަދަ އަމަލުތައް ނުކުރުމަށާއި މިފަދަ އަމަލުތައް ތަކުރާރުވާ ނަމަ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމުގައި ދަންނަވަން،" ކަރެކްޝަނުން ބުންޏެވެ.
ކަރެކްޝަނުން ބުނީ އޮފިސަރާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަނީ، އެ މުއައްސަސާގެ އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ކަމަށެވެ.