އައްޑޫގައި ކަތުރެއް ހަރައި އެއްބަނޑު އެއްބަފާ ބޭބެ މަރާލިކަމުގެ ތުހުމަތުވާ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހުސައިން މަވާޒް 25އ، ބްލޫސްޓާ، މަރަދޫފޭދޫ އަމިއްލައަށް ގަން ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންނާ ހަވާލުވުމުން، އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނި ގޮތުގައި މަވާޒް ހައްޔަރުކުރީ ކޯޓު އަމުރަކާ އެކުގައެވެ.

މި މައްސަލައިގައި ފުލުހުން މީޑިއާއަށް މީގެ ކުރިން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓެއް ރޭ 11:38 ގައި ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި ޒަހަމްވީ، އަހުމަދު ޝުއައިބު 27އ، އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ޝުއައިބު މަރުވީ ފަރުވާ ދެމުންދަނިކޮށް 4:36 ހާއިރުއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދެބެންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ މަވާޒް ވިއްކަން ގެންގުޅުނު މަސްތުވާތަކެތިން ޝުއައިބު ވައްކަން ކުރުމުންނާއި މަވާޒްގެ ފޯނެއް ޝުއައިބު ވިއްކާލުންނެވެ. އެ މައްސަލައިގައި މަވާޒް ވަނީ ޝުއައިބުގެ މެޔަށާއި ގައިގެ އެކި ތަންތަނަށް ވަނީ ކަތުރު ހަރައިފައެވެ.

ޝުއައިބާއި މަވާޒްއަކީވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އޭގެ ތެރެއިން މަވާޒްއަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހެއްކަން ވެސް ވަނީ އެނގިފައެވެ.