ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ރާއްޖޭގެކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކާއި ބައެއް ސިޔާސީ އިސް ފަރާތްތައް އެއްވެގެން އުފައްދާފައިވާ ކޯލިޝަނުން، މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ސުލްހަވެރި ހަރަކާތެއް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
މާދަމާ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، ރަސްމީ ސިފައެއްގައި މިޖަލްސާ ކުރިއަށްދާނީ، ގޮނޑިތަކުގައި އެތުރިގެން ތިބެ ކަމަށާއި ދޮށީ ރަށްވެހިންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާނެ ކަމަށެވެ.
"ބާނާބާނާ ތިޔަ ވިއްކާލީ ކަނޑު"ގެ ނަމުގައި ބާއްވާ މި ޖަލްސާގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ އިސް ފަރާތްތަކުގެ އިތުރުން، އެތައްސަތޭކަ ދިވެހި ރައްޔިތުން ބައިވެރިވެ އެފަރާތްތަކުގެ އަޑު އުފުލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވީ، މި ޖަލްސާގައި ހަމަނުޖެހުން ހިންގާނެކަމުގެ މައުލޫމާތު ސަރުކާރުން ފަތުރަމުންދާ ކަމަށެވެ. ނަމަވެސް މި ޖަލްސާއަކީ، ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ޖަލްސާއެއް ކަމަށާއި މި ޖަލްސާގައި ހަމަނުޖެހުން ހިންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަރާތުން މި ނިއުސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މާޒް ސަލީމް ވިދާޅުވީ، މިއީ ގައުމީ އަދި ވަތަނީ ޖަލްސާއެއް ކަމަށެވެ. މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށާއި މިއީ މިހާތަނަށް މިގޮތަށް ބާއްވާ އެންމެ ބޮޑު ޖަލްސާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް ފަނަހާހަށްވުރެ ގިނަ ކޯލާއި މެސެޖު ލިބިފައިވޭ މި ޖަލްސާގައި އަމަލީގޮތުން ބައިވެރިވާނެ ކަމަށް، އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށްގިނަ ބަޔަކު މާލެ އަންނަން ފަށާފައިވަނީ މިރޭ މާލޭ ފަޅަށް ވަންނަން ފަށާނެ،"
މިއީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ބާއްވާ ޖަލްސާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު