އަމީނިއްޔާ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އަމީނިއްޔާ ސްކޫލުން މިއަދު ކުރި އިއުލާނެއްގައިވަނީ 16 މާއްދާއަކުން 19 ޓީޗަރަކު ހޯދަން އިއުލާނުކޮށްފައެެވެ. އެގޮތުން ދިވެހި، އިސްލާމް އަދި ގުރުއާނާއި ކެމިސްޓްރީ ފިޔަވައި އެހެން ހުރިހާ މާއްދާއަކަށް ޓީޗަރުން ބޭނުންވާ ކަމަށް އެ އިއުލާނުގައިވެއެވެ.
ޓީޗަރުން ހޯދަން އިއުލާނުކޮށްފައިވަނީ ތިން ރޭންކިންއަކުންނެވެ. އެގޮތުން ޑިޕޮލޮމާ ހާސިލްކޮށްފައިވާ ފަރާތެއް ނަމަ، އަސާސީ މުސާރައާއި އިނާޔަތުގެ ގޮތުގައި 11،978 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 75 ރުފިޔާ ލިބޭނެއެވެ.
ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އަސާސީ މުސާރައާއި އިނާޔަތުގެ ގޮތުގައި 16،961 ރުފިޔާ ލިބޭއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 146 ރުފިޔާ ލިބޭނެއެވެ. މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް އަސާސީ މުސާރައާއި އިނާޔަތުގެ ގޮތުގައި 18،200 ރުފިޔާ ލިބޭއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 157 ރުފިޔާ ލިބޭނެއެވެ.
އަމީނިއްޔާ ސްކޫލުން ބުނި ގޮތުގައި ޓީޗަރަކަށްވާން ބޭނުންވާ ފަރާތްތަކުން މަގާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ސްކޫލަށް ނުވަތަ [email protected] މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު