ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވޯކްސްޕޭސް" ބޭނުންކުރަން މިއަދު ފަށައިފިއެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކޮނޮލޮޖީ (އެމްސީއައިޓީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖެމްސް ވޯކްސްޕޭސް އިފުތިހާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމުއެވެ.

އެންސީއައިޓީން ބުނީ ޖެމްސް ވޯކްސްޕޭސްއަކީ ސަރުކާރުގެ ލިޔެކިއުންތައް ޑިޖިޓަލްކޮށް ބަދަލުކުރުމަށް 2010 ގައި ބޭނުންކުރަން ފެށި "ގަވާމަންޓް އީ-ލެޓާ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި ބޭނުންކުރުމަށް ތައްޔާރުކުރަމުންދާ އާ ނިޒާމު ކަމަށެވެ.

ޖެމްސް ވޯކްސްޕޭސްއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ތައާރަފުކުރާ ނިޒާމެއް ކަމަށް އެންސީއައިޓީން ބުންޏެވެ. އެ ނިޒާމު ޑިޖިޓަލް މަސައްކަތްތައް ކުރެވޭނެ ގޮތަށް އިންތިޒާމުކޮށްފައިވާނެ ކަމަށެވެ.

"މިގޮތުން އިތުރު ސޮފްޓްވެއާ އެއް ބޭނުންނުކޮށް ޖެމްސް ވޯކްސްޕޭސްގެ ތެރެއިން ޓެމްޕްލޭޓްތަކެއް އިހުތިޔާރުކޮށްގެން ލިޔެކިޔުންތަކުގެ ދެލިކޮޕީ ތައްޔާރުކުރުމާއި، ދެލިކޮޕީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ލިޔުންތަކުގައި އިލެކްޓްރޯނިކް ސޮއިކުރެވޭނެ ގޮތް ހަމަޖެހިފައިވޭއެވެ. އަދި މިކަމުގެ ސަބަބުން ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރާއި ޕްރިންޓްކުރުމާއި ސްކޭންކޮށް އެޓޭޗްކުރުން ވަރަށް ބޮޑުތަނުން މަދުވެގެންދާނެއެވެ. އަދި މައްސަލަތަކަށް ފިޔަވަޅު އަޅަންވީ ގޮތުގެ އިރުޝާދު ޖެމްސް ވޯކްސްޕޭސްގެ ތެރެއިން މުވައްޒަފުންނަށް ދިނުމާއި އަޅަމުންދާ ފިޔަވަޅުތަކާއި މި މަސައްކަތްކުރަމުންދާ މުވައްޒަފުންނާއި ކުރަމުންދާ މިންވަރު އެނގެން އޮތުމުން މަސައްކަތް ފަސޭހަވެ ހަލުވިވެގެންދާނެ،" އެންސީއައިޓީން ބުންޏެވެ

ޖެމްސް ވޯކްސްސްޕޭސްގެ އިދާރީ ހިންގުން ޓްރާންސްފޯމް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރަސްމީ ލިޔެކިއުންތައް ބެލެހެއްޓުމާއި ކޭސް އަދި ޓާސްކް މެނޭޖްމަންޓުގެ ނިޒާމް ސީމްލެސްކޮށް ގުޅާލައި އަދި ކައިރި މުސްތަގުބަލުގައި މުވައްޒަފުންގެ ހާޒިރީ، ޗުއްޓީ، މުސާރަދިނުން ފަދަ ކަންކަންވެސް ޖެމްސް ވޯކްސްޕޭސްގެ ތެރެއަށް ގެންނާނެ ކަމަށް އެންސީއައިޓީން ބުންޏެވެ.

އެ ނިޒާމު މިއަދު ބޭނުން ކުރަން ފަށައިފައިވަނީ ރައީސް އޮފީސް، އެޑިއުކޭޝަން މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން އަދި ހޯމް މިނިސްޓްރީގައެވެ. ސަރުކާރުގެ އެހެން އިދާރާތަކާއި މުއައްސަސާތައް ޖެމްސް ވޯކްސްޕޭސްގެ ތެރެއަށް ވެއްދުމަށް ރާވާފައިވާ ކަމަށާއި ސަރުކާރުގެ ހުރިހާ އިދާރާތައް އެ ނިޒާމުގެ ތެރެއަށް އޮގަސްޓު މަހު ވައްދާނެ ކަމަށް އެންސީއައިޓީން ބުންޏެވެ.

ޖެމްސް ވޯކްސްޕޭސްއަކީ ހައިބްރިޑްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ކަމަށް އެންސީއައިޓީން ބުންޏެވެ.

  • މަރުހަލާ 1: ރައްޔިތުން ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ ކަންކަމަށް ޖެމްސް މެދުވެރިކޮށް ޖަވާބުދޭން ފެށުން
  • މަރުހަލާ 2: ސަރުކާރުގެ އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ޖެމްސް މެދުވެރިކޮށް ބަދަލުކުރަން ފެށުން
  • މަރުހަލާ 3: ސަރުކާރުގެ އިދާރާތަކުން އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކާ އެކު ކުރާ މުއާސަލާތުތައް ޖެމްސް މެދުވެރިކޮށް ކުރަން ފެށުން