އަންނަ އޯގަސްޓްމަހު، 28 ސްކޫލެއްގައި ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ 28 ސްކޫލްގެ ތެރޭގައި ކޮންމެ އަތޮޅަކުން އެެއް ސްކޫލް އަދި މާލޭ އޭރިޔާއިން ސްކޫލްތަކެއް ހިމެނޭކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ ހަމައެކަނި އެކަޑަމިކު ސަބްޖެކްޓްތަކަށް މަސައްކަތް ކުރުމެއް ނޫން، މީހުން ބިނާ ކުރުމުގެ މަސއްކަތަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް،" މިނިިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތް ފަދަ، އެކި ދާއިރާއިން ރާއްޖޭގައި އާއްމުކޮށް އެންމެގިނައިން ކުރަމުން އަންނަ ގިނަ މަސައްކަތްތަކަކަށް ކުދިން ބިނާ ކުރުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.
ދަރިވަރުންނަށް މަސައްކަތްތަކެރިކަން އުނގަންނައިދިނުމުގެ މަގުސަދުގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓައިލުމަށް ނިންމެވީ ކީއްވެގެންތޯ އާއި އަދި ވޮކޭޝަނަލް އެޑިއުކޭޝަނަކީ މިހާރު މުހިއްމު ކަމަކަށް ދެކިގެން ދަސްވާރު ފަދަ ޕްރޮގްރާމެއް އަނެއްކާ ފައްޓަވަން ވިސްނަވަނީ ކީއްވެގެންތޯ، އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އުސޫލާ ހިލާފަށް އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ސެޓްފިކެޓްތައް ހަދައިފަ ތިބި ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓްދޭން ހަޔާ އެޑިއުކޭޝަނުން އެއްބަހެއް ނުވި، އެއީ އުސޫލުތަކާ ހިލާފަށް އެކަން ގެންގޮސްފަ އޮތީމަ، ދަސްވާރު ކިޔަވައިދޭ އިންސްޓްރަކްޓަރު ވާންޖެހޭނީ ވަކި ވަރެއްގެ ކޮލިފިކޭޝަން ހުންނަ ބޭފުޅަކަށް، ނަމަކަށް ކަމެއް ކުރާގޮތަށް ހަމަ ކޮންމެ މީހެއް ލައްވާ އަދި އެއްޗެއް ކިޔަވައިދިނޭ ކިޔައިފަ ކިޔަވައިދިނަސް އަޅުގަނޑުމެންނަށް ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯވޭ، އެހެންވީމަ އެ ޕްރޮގްރާމް އެގޮތަށް ކުރިއަށް ނުގެންދެވޭނެތީ އަޅުގަނޑުމެން ހުއްޓާލީ،"
މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގައި އަލަން ފަށާ ވޮކޭޝަނަލް ޕްރޮގްރާމަކީ، ދަސްވާރު ޕްރިގްރާމްގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫން ކަމަށެވެ.
"ދަސްވާރު ކަހަލަ ޕްރޮގްރާމެއްނޫން މިކުރިއަށް ގެންދަނީ، ކުދިން ބާކީ ކޮށްގެން ގްރޭޑް އަށެއް ނިންމާއިރަކަށް އަޅުގަނޑުމެން ނުބުނަން އާ މީނާއަކަށް ނުކިޔެވޭނެއެކޭ ވޮކޭޝަނަލް ކޯހަކަށް ދާށެކޭއެއް، އަޅުގަނޑުމެން މިހާރު މި ކަންތައް ކުރާގޮތަކީ ހުރިހާ ކުދިންނަށް ފައުންޑޭޝަން ސްޓޭޖުން ފެށިގެން ހަމަ އެކުއްޖާ ގްރޭޑް 10 އާ ހަމައަށް ދަންދެން މަސައްކަތްތެރިކަމުގެ ކޯހެއް ކިޔަވާނީ، އެހެންވީމަ ސްކޫލުން ނިކުންނަ ކޮންމެ ކުއްޖަކީ އެކަޑަމިކް ކޮލިފިކޭޝަން، އެޓްލީސްޓް ފަސް މާއްދާ ކޮންމެ ކުއްޖެއްގެ އަތުގައި އޮންނާނެ، އަދި ހަމަ އެކުއްޖާ އަތުގައި ކޮންމެވެސް މަސައްކަތެއް ދަސްވެފައި އޮތްކަމުގެ ސަނަދުވެސް އޮންނާނެ،،"
ތައުލީމީ ނިޒާމު މިހާރު އޮތްގޮތުން ކުދިން ބާކީ ވާތަން ފެންނަ ކަމަށާއި، "އެހެންނަމަވެސް ދަސްވާރު، އެ ކުދިންނަށް ވަރަށް ބޮޑު އެހީތެރިކަމެއްދިން، ވޭތުވެދިޔަ 10 އަހރު ދުވަހުގެ ތެރޭގައި 2017 ވަނަ އަހަރަކީ ފަސް މާއްދާއިން އެންމެ ގިނަ ކުދިން ފެނުނު އަހަރު، ކީއްވެގެންތޯ މިހާރު ފަސްމާއްދާއިން ފާސްވާކުދިން އެހާބޮޑު އިންސައްތައަކުން މަދުވެގެން މިދަނީ،،"
ޝިޔާމު ކުރެއްވި މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުދިން ބާކީވީ، ދަސްވާރު ޕްރޮގްރާމް އޮތް ގޮތުން ކަމަށެވެ. ކުދިން ބާކީވާ ގޮތަށް އެ ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނެ ކަމަށް ތައުލީމީ ދާއިރާގެ ޓެކްނިކަލް ބޭފުޅުން ލަފާދެއްވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ފަސް މާއްދާއިން ރަނގަޅު ޖަތީޖާ ހޯދާގޮތް އޮޅުންފިލުވައިދެއްވަމުން މިިނިސްޓަރު ވިދާޅުވީ، "ކުރީގަ ފަސް މާއްދާ ލިބޭ ޕަސެންޓޭޖު އިންފްލޭޓް ކުރުމަށްޓަކައި އެއަށް މި ވައްދަނީ މިކަހަލަ ކޯސްތައް ހަދާފައި ތިބޭ ކުދިން އެއީ މިވެނި ވަރަކަށް މާއްދާއޭ ކިޔައިފަ، އަޅުގަނޑުމެން ބޭނުންވީ ދަރިވަރުންނަށް ހަގީގަތުގައި އެއްޗެއް އެނގިގެން ސްކޫލްތަކުން ނިކުންނަށް، އެގޮތުން އަޅުގަނޑުމެން ހަމަ ހަގީގީ ފަސް މާއްދާ ދަރިވަރުން ސްކޫލްގަ ކިޔަވައިފަ އިމްތިހާނުގައި ބައިވެރިވާނެ ގޮތަށް މަޖުބޫރު ކުރީ، އަޅުގަނޑުމެންނަށް އެނގޭ ޕަސެންޓޭޖު ދަށްވާނެ ކަން، އެކަމަކު އަޅުގަނޑުމެން އެ ފެންނަ ޕަސެންޓޭޖަކަށް ނޫން ބަލަނީ، އަޅުގަނޑުމެން ބަލަނީ ދަރިވަރަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ ހިދުމަތަށް،"
ޚަބަރު
ޚަބަރު
ޚަބަރު