ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ 62 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓުވެސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތުގެ 54 ޕަސަންޓް ނިމިފައިވާ އިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 64 ޕަސަންޓް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން 9,346 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 4,954 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 242 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކުރީ 33.6 މިލިއަން ރުފިޔާ އަށެވެ. އެމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.