މި ސަރުކާރުން ފަށާފައިވާ ދަތުރު، އަނެއްކާވެސް އިތުރު ފަސް އަހަރަކަށް ގެންދެވޭނެކަމުގެ ޔަގީންކަން މިހާރު ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފ. ފީއަލީގެ އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވުމަށް އެރަށުގެ ބަނދަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާ ގުޅޭ ތަރައްގީގެ މަޝްރޫއުތަައް އަވަސް މުއްދަތެއްގައި ނިންމާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން ކޮންމެ ދުވަހަކުވެސް މަޝްރޫއުތައް ނިންމަމުންދާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން 28 އިންޖީނުގެއެއްގެ މަސައްކަތް ނިމޭނެ ކަމަށާއި ފެނަކައިން މިހާތަނަށް 48 އިންޖީނުގެއެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"48 އިންޖީނުގެ ހުޅުވައިފި. އަޅުގަނޑު މި ދަނީ ރިބަން ކަނޑަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެޑިޔުކޭޝަން މިނިސްޓްރީން ހިންގާ އެތައް ޕްރޮޖެކްޓެއް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމި، ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ފެނާއި ނަރުދަމާ ނިޒާމުގެ ވާހަކަ އަސްލަމް މިއަދުވެސް ވާހަކަ ދެއްކެވި. 122 ރަށެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ވާހަކަ. އަޅުގަނޑުމެން ތިން ހަފުތާއިން އޭގެ އަޕްޑޭޓް ހޯދަމުން އެބަ ގެންދަން. ފެންނަން އޮތް ތަނުގައި، ޖުލައި މަހުން ފެށިގެން ބޮޑު އަދަދެއް، ޖުލައި، އޮގަސްޓުގައި ގިނަ ރަށްތަކެއްގެ ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ. ތިޔަބޭފުޅުން ކުރިއަށް މިއޮތް ތަނުގައި މި ހުރިހާ ކަމަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށާއި ނަމަވެސް މިވަގުތު އެވާހަކަ ނުދައްކަވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް ދައްކަވަން އަދި ވަޑައިގަންނަވާނެ ކަމަށާއި އިންތިހާބުގެ ވާހަކަ ދައްކަވަން ވަޑައިގަންނަވާނީ ފީއަލީގެ ރައްޔިތުން، އެ ރަށަށް ކޮށްދޭން އެދުނު ކަންކަމާއި އިތުރަށް ކޮށްދޭން ހުރި ކަންތައްތަކުގެ ޔަގީންކަމާ އެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފަށާފައި މިވާ ދަތުރު، އިތުރު ފަސް އަހަރަކަށް އަނެއްކާވެސް ގެންދެވޭނެކަމުގެ ޔަގީންކަން ﷲގެ ރަހުމަތާއެކު އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުން އެބަދޭ. އަޅުގަނޑު އެދެނީ މި މަސައްކަތުގައި މި ދާއިރާ ބާކީނުވުން. އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ގޮސް، މި ފަށާފައި ހުރި މަސައްކަތްތަކާއި ރައްޔިތުން މި ބޭނުންވާ، ރާއްޖެއަށް މި ގެންނަން ބޭނުންވާ ތަރައްގީގައި އެއްބައެއްގެ ގޮތުގައި ނުކުމެ މި މަސައްކަތް ނިންމާލުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ފީއަލީގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި އެރަށު ހެލްތު ސެންޓަރު ބޮޑު ކުރުމުގެ މަސައްކަތާއި ސްކޫލުގެ ސައިންސް ލެބޯޓަރީއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ފީއަލީގައި ކުޅިވަޅު ކުޅޭނެ ތަންތަން ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ އިތުރުން އާ މަޝްރޫއުތަކެއް ވެސް ފީއަލީގައި ސަރުކާރުން ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ ރައްޔިތުން މި ބޭނުންވާ ހެޔޮ ބަދަލު ސަފުގާ ތިބެގެން ދިރިއުޅޭނެ އަސާސީ ހިދުމަތްތައް ރަށުން ފޯރުކޮށްދިނުމަށްޓަކާ އަޅުގަނޑުމެން މި ފަށާފައިވާ މަސައްކަތް މިގޮތަށް އިރާދަކުރެއްވިޔާ ތިބޭފުޅުންގެ ވިސްނުމުގެ އަލީގަ ތިބޭފުޅުން އެދޭގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނާން" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު