މިއަހަރުގެ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއެކު މިއަދު ސޮއިކޮށްފިއެވެ.
މިއަދު އާބަންކޯގައި ކުރިއަށްގެންދިޔަ ހާއްސަ ހަފުލާއެއްގައި ބީބީއޭއެމްގެ ފަރާތުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއްގެ ސްޕޮންސާޝިޕަށް އާބަންކޯއާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ މިސްޓަ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރުގެ އިތުރުން މިއަހަރު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކްސްގެ ކޯ ސްޕޮންސާޝިޕް އެއްބަސްވުމުގައެވެ.
މިއަދުގެ ހަފުލާގައި އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ބީބީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސް އާއި ސައުތު އޭޝިއާގެ މުބާރާތްވެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގައެވެ. މިސްޓަ މޯލްޑިވްސް މުބާރާތް ޖުލައި ތިންވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކްސް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފަސްވަނަ ދުވަހުން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރު އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވާފައިވާ އިރު، މިއީ ސައުތު އޭޝިއާގެ މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ބީބީއޭއެމްއާއެކު އެއްބަސްވުމަކަށް އައި މައިގަނޑު ސަބަބާ ގުޅޭގޮތުން އާބަންކޯއިން ބުނީ މިއީ އެ ކުންފުނިން ކުޅިވަރުތައް ކުރިއަރުވައި، ޒުވާނުން ކުރިއަރުވުމަށް ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.
ބޮޑީބިލްޑިންއަކީ ރާއްޖެއަށް މިހާތަނަށް ތާރީހީ ރަން ކާމިޔާބީތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އެގޮތުން މިދިޔަ އަހަރު ދުނިޔޭގެ މުބާރާތުންވެސް ރާއްޖެއިން ވަނީ ރަން މެޑަލް ގެނެސްފައެވެ. ރަނގަޅު ފެންވަރުގެ މުބާރާތްތައްވެސް ބޮޑީބިލްޑިންއިން ރާއްޖޭގައި ބާއްވަމުންދާ އިރު، މި ސަރަހައްދުގެ ބޮޑީބިލްޑިންގައި ރާއްޖެ ދަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ.