Close
ޚަބަރު

ގެއްލުމުގެ ބަދަލުދޭ އުސޫލުގެ ދަށުން އެއްވެސް ފަރާތަކަށް ސަރުކާރުން އަދި ފައިސާ ދޫކޮށްފައެއް ނުވާނެ: މިއުވާން

އިބްރާހިމް ޒަކީ

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް، މިދިޔަ އަހަރު އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން މިހާތަނަށް ސަރުކާރުން އެއްވެސް ފަރާތަކަށް ފައިސާގެ ބަދަލެއް ދީފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެ އުސޫލުގެ ދަށުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބަފައިބެ މޫސާ ހަސަނަށް ބަދަލުދީފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، އެ އުސޫލުގެ ދަށުން މިހާތަނަަށް އެއްވެސް ފަރާތަކަށް ބަދަލުދީފައި ނުވާނެ ކަމަށެވެ.

ނަމަވެސް އެ އުސޫލުގެ ދަށުން 34 ފަރާތަކުން ހުށަހަޅާފައިވާ މައްސަލަތައް ކަމާބެހޭ ކޮމިޓީއަށް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް މިއުވާން ވިދާޅުވިއެވެ. އެއީ އެ މައްސަލަތަކަކީ، މީގެ ކުރިން ހައްލު ލިބިފައިވާ މައްސަލަތަކަށްވާތީ ކަމަށާއި މި އުސޫލުގެ ދަށުން އެ މައްސަލަތައް ނުބެލޭނެކަން އެ ފަރާތްތަކަށް އަންގަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި އުސޫލުގެ ދަށުން ބަދަލެއް އަދި އެެއްވެސް ފައިސާއެއް މިހާތަނަށް ދީފައެއް ނުވާނެ،"

މިއުވާން ވިދާޅުވީ އެ އުސޫލުގެ މަގުސަދަކީ ބަދަލުގެ ގޮތުގައި ކޮންމެހެން ފައިސާ ދިނުން ނޫން ކަމަށެވެ.

"ފައިސާ ދިނުމުގެ ބަދަލުގައި ގާނޫނު ހުއްދަކުރާ މިންވަރަކަށް ދެވެން އޮތް އެހެނިހެން ލުއިތަކަކާއި އިނާޔަތްތައް ދިނުމަށް އިސްކަންދޭންވާނެ ކަމަށް މި އުސޫލުގައިވެސް އޮންނާނެ،"

މިއުވާން ވިދާޅުވީ ކޮމިޓީއަށް ލިބިފައިވާ މައްސަލަތަކާ މެދު އަންނަ އޯގަސްޓްމަހުގެ ނިޔަލަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ނިމުމުން އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް ހާމަކުރާނެ ކަމަށާއި، އެ މައުލޫމާތުތައް ރައްޔިިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.