ރާއްޖެ އާއި މެލޭޝިއާއިން ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދެ ގައުމުގެ ދެމެދު ޑަބަލް ޓެކްސް ނެގުން ހުއްޓުވުމުގެ މި އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މެލޭޝިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިޔުޓީ މިނިސްޓާ އޮފް ފިނޭންސް އަހުމަދު މަސްލާން އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ޑަބަލް ޓެކްސް ނެގުމުގެ ނުރައްކާ ނައްތާލުމާއި ޓެކްސް ނެގުމުގެ ހައްގުތައް ސާފުކޮށްދިނުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިތަކެއް ލިބި، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެ، ޓެކުހަށް މަކަރު ހެދުމާއި އޮޅުވާލުން ހުއްޓުވޭނެ ކަމަށެވެ.
އި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު އޮންނަ އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ ރާއްޖެއިން ސޮއިކުރި ތިންވަނަ ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެވެ.
ފިނޭންސް އިން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމަކީ ބައިނަލްއަގުވާމީ އެއްބާރުލުމާއި ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގައި ރާއްޖެއިން އަހަންމިއްޔަތުކަން ދޭކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ކުރިއަށް އޮތްތަނުގައި، އިގުތިސޯދީ ވާދަވެރިކަން އިތުރުކުރުމަށާއި ދިވެހިންނަށް ބައިނަލްއަގުވާމީ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ޓެކުހަށް މަކަރު ހެދުން ހުއްޓުވުމަށާއި ރާއްޖޭގެ ހާރިޖީ ގުޅުން ބަދަހިކުރުމަށްޓަކައި ސަރުކާރުން ސްޓްރެޓެޖިކް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު