ކެނެރީގޭގެ އިތުރުން މޭރީބްރައުންއާއި ޔާގޫތުގެ ކައިރީގައި ބޮމެއް ގޮއްވާލައިގެން އެ މަނިކުފާނު މަރާލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އެނގިފައި އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ރައްޔިރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި، ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅުވާލަމުން ހަސަން ލަތީފު ވިދާޅުވީ، އެ ހަމަލާގެކުރިން ސީދާ އެ މައުލުމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"241 ކޮމިޓީން ހިންގި އިންކުއަރީގައި ސާފުކޮށް އެބައޮތް އެނގެން، ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަަހއްޓާަފއި އެސައިކަލުގައި ބޮމެއް ހަރުކޮށްފައި ރައީސް ނަޝީދު ނުކުމެ ވަޑައިގަންނަވާ ގަޑީގައި އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނުކަމުގެ މައުލޫމާތު ރައީސުލްޖުުލްމްހޫރިްޔާއަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލުމާތު ވަނީ ލިބިފަ އިންކުއަރީއަށް،"

ނަމަވެސް އެކަން ނުހުއްޓުވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަސަން ލަތީފު ވިދާޅުވީ އެނޫން ތަންތަނުގައި ބޮން ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. އެކަމުގެ މައުލޫމާތުވެސް ސަރުކާރަށް އެނގޭކަމަށް އޭނާ ވިދާޅވިއެވެ.

"އެކަން އެކަންޏެއްނޫން މެރީބްރައުން ކައިރީގައި ބޮމެއް ބާއްވާލައިގެން ގޮއްވާލަންވެސް އުޅުނުކަމުގެ މައުލޫމާތު ވަނީ ލިބިފަ އޭގެ އިތުރުން ޔާގޫތުގޭ ކައިރީގައިވެސް ބޮމެއް ބަހައްޓައިފަ ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތު ވަނީ ލިބިފަ، މިކަންކަމަކާ އަޅައެއްނުލި، ހުދު ރައީސް ނަޝީދު ތިމަންނާ ފަހާ އެބައާދެއޭ ފުލުހުންއެކަން ބަލައިދޭޭށޭ އެއީ ރައީސް ނަޝީދު ދައްކަވާ ވާހަކައެއް، އާހިރު ނަތީޖާއަކީ ބޮމެއް ގޮއްވާލުން މިއީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވައިގެން ހިނގާފައި އޮތްކަމެއްކަމަށް މިއަދު އަޅުގަނޑަށް ގަބޫލުކުރަންދަތި،"

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ، މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގެ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފަށްފަހު ދެން ވާހަކަ ދެއްކެވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، (ބޮނޑެ) އެވެ.

ހަސަން ލަތީފު ވިދާޅުވި މައުލޫމާތަކަކީއެނގިވަޑައިނުގަންނަވާ މައުލޫމާތުތަކެއްކަމަށް ހައްދަވައި، ބޮނޑެ ވިދާޅުވީ، ހަސަންލަތީފުގެ ވާހަކަތަކަކީ ވަރަށް ކަނބޮޑުވާ ވާހަކަތަކެއް ކަމަށާއި، އެއީ މީގެކުރިން އަޑުނާހާ ވާހަކަތަކެއް ކަމަށެވެ. "އަދި ކިތިޔާ އަޅުގަނޑަށް އެނބުނީ،" ބޮނޑެ ވިދާޅުވިއެވެ.

އެހިސާބުން ބޮނޑެގެ ވާހަކަ ހުއްޓުވުމަށްފަހު، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮނޑޭއަށް ވިދާޅުވީ އެ ވާހަކަ ބޮނޑެއަށް ޔަގީން ކޮށްދެވިދާނެ ކަމަށެވެ.

ދެން ވިދާޅުވީ، "މޭރީބްރައުން ރެސްޓޯރެންޓް ކައިރީގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަންއުޅުނުކަމާ އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނު ކަމުގެ މައުލޫމާތު، އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބަހައްޓާ އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފަކަން މިތަނުގައި ހުރި ތަހުގީގުތަކުންނާއި އަދި އިތުރު ތަހުގީގުތަކުން ވާނީ ވަރަށް ރަނގަޅަށް އެނގިފަ،" ކަމަށެވެ.

ދެން ބޮނޑޭ ވިދާޅުވީ، އެއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި، "މި ރާއްޖޭގެ ތާރީހުގައި ފާހަގަކުރެވޭ، ގަސްތުގައި ގާތް އެކުވެރިންނާއި ރައްޓެހިންނާއި ތިމާގެމީހުން ކަނޑުފައްތައި މަރާ، މި ހުރިހާކަމެއްކުރި ގައުމެއްމީ އެހެންވީމަ އެކަން ތަކުރާރުވަމުންމިދަނީ އަނެއްކާވެސް،"

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައިސް އަދި ގަލޮޅު އުތުރު ދާއިޜާގެ މެންބަރު އީވާ އަބުދުﷲވެސް ވަނީ ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ކަމުގެ މައުލޫމާތު ރައީސް ސޯލިހަށް ލިބިވަޑައި ގެންފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

އިންތި ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެހަމަލާ ދިނުމުގެ ފުރުސަތު ލިބފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި އެކަނި ކަމަށެވެ. "އެގެން ސަރުކާރުތަކުން ރައީސް ނަޝީދު ޖަލަށްލައި އަދަބުދީފައިވޭ، ނަމަވެސް ބޮމެއް ގޮއްވާލައި މަރާލަން އުޅުމުގެ ފުރުސަތެއް ދީފައެއްނުވޭ،" އިންތި ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެހަމަލާގެ މައުލޫމާރު ރައީސް ސޯލިހަށް ލިބިފައިވާ ކަަށް ފުލުހުންގެ އިސްވެރިއަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި ސެކިއުރިޓީ ސިފައިންގެ ފަރާތުން ފުލުހުންނަށް އެކަން އެންގެވިނަމަ އެ ހަމަލާދިނުން ހުއްޓިވީސްކަމަށް ފުލުހުން ބުނެފަިއވާކަމަށްވެސް އީވާ ވިދާޅުވިއެވެ.