ކޮންމެސް މިންވަރެއްގެ ލަސްވުމެއް އުޅުނު ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާތަން ނުފެންނަކަން ފާހަގަކޮށް ބޮންޑޭ ސުވާލުކުރެއްވީ ބުރިޖު ނިމޭނީ ކިހާތާކުތޯއެވެ. އަދި ބްރިޖު މަސައްކަތް އަވަސްކުރުމަށް އިތުރު 25 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް ލަސްތަކެއް އުޅޭ ކަމަށެވެ. ނަމަވެސް ބްރިޖު ނިންމަން ދީފައިވާ މުއްދަތު އިތުރުކުރަން ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ކޮންޓްރެކްޓާގެ މަސައްކަތުގެ ޝެޑިއުލްއަށް ބަލާފައި އެބަ ހުރި ޑިލޭސް، މިހާތަނަށް އަންނަވާ ހިސާބަކަށް ނޫން އައިސްފައި ވަނީ، އޭގެ ތެރެއިން ކޮންމެސް މިންވަރަކަށް ކެޗްއަޕް ކުރެވޭނެ މަސައްކަތް ފުލީ ކެޗަޕް ނުކުރި ނަމަވެސް. ކެޗަޕް ކުރާނެ ކޮންމެސް މިންވަރަކަށް،" އަސްލަމް ވިދާޅުވިއެވެ.
ބުރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން މީގެ ކުރިން ބުނެފައިވަނީ ބުރިޖު ވިލިމާލެއާއި ގުޅިފަޅު ގުޅާލުން 2023ގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށާއި ބުރިޖުގެ ހުރިހާ މަސައްކަތެއް 2024ގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު