ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ދެކޮޅަށް އިހުތިޖާޖުކޮށް އަޑުގަދަ ކުރަމުން ގެންދިއުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަހުމަދު ލަތީފު (ސެމްބެ) އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ނަން އިއްވައި ޖަލްސާއިން ނުކުންނަން ރިޔާސަތުން އަންގައިފިއެވެ.

އެ މެންބަރުން އިމްރާނާ ދެކޮޅަށް އިހުތިޖާޖުކުރަން ފެއްޓެވީ 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދުގެ ޖަލްސާގައި ކުރަން ހަމަޖެހިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން އިންނަވަނިކޮށެވެ.

އިމްރާން ކުރިމައްޗަށް ގޮސް އެ ތިން މެންބަރުން ވަނީ ވ. އާރަށު ހިޔާނާތުގެ މައްސަލާގައި އިދިކޮޅު ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލާފައިވާތީ އާއި ހުސްވި ރަމަޟާން މަހުވެސް ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުނުކުރި މައްސަލާގައި އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައެވެ.

އޭރު މިނިސްޓަރުގެ ދިފާއުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ ގެންދެވީ އެ ތިން މެންބަރުންނާ ވާހަކަދައްކަވަމުންނެވެ.

އެ މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ފުރަތަމަ އެންގެވީ މެމްބަރު ޝިޔާމަށެވެ. އެއަށްފަހު ޝިޔާމުގެ ނަން އިއްވުމަށްފަހު، ސެމްބެއަށް އިންޒާރުދީ އެ މެންބަރުގެ ނަން އިއްވުމަށްފަހު، އިންޒާރު ދިނެވެ. ދެން ނަން އިއްވެވީ މެމްބަރު ސައީދުގެ ނަމެވެ. އެއަށްފަހު ނަން އިއްވެވި މެންބަރުން ޖަލްސާއިން ނުކުންނެވުމަށް ރިޔާސަތުން އެންގެވިއެވެ.

ނަމަވެސް އެ މެންބަރުން ޖަލްސާއިން ނުނިކުންނެވުމުން މަޖިލީހުގެ ނާއިބު ރައީސް ކުޑަ ވަގުތު ކޮޅަކަށް ޖަލްސާ މެދުކަނޑާލެއްވިއެވެ.