އެލް ސަލްވަޑޯގެ ވެރިރަށް ސޭން ސަލްވަޑޯގެ ސްޓޭޑިއަމެއްގެ ހިނގި ހާދިސާއެއްގައި 12 މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ އެގައުމުގެ ލީގުގައި ކުޅެމުންދާ ލޯކަލް ދެ ޓީމު ކަމަށްވާ އަލިއާންޒާ އާއި ސަންޓާ އަނާއަށް ނިސްބަތްވާ ފާސް، ކަސްކަޓްލާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައެވެ. ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ ސްޓޭޑިއަމްގައި ފިތުމުގެ މައްސަލަ ދިމާވީ ދޮރުތައް ބަންދުކުރިފަހުން ބައެއް ސަޕޯޓަރުން ގަދަކަމުން އެތެރެއަށް ވަންނަން މަސައްކަތް ކުރުމުންނެވެ.

ގޭޓް ވައްޓާލައި ސަޕޯޓަރުން ވަންނަ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯތަކެއްވެސް އާންމުވެފައިވާ އިރު، ގޭޓްގެ ދަށުގައި އަދިވެސް ބައެއް މީހުން ފިތިފައި އެބަތިއްބެވެ. ބޮޑު ދަގަނޑު ގޭޓެއްގެ ދަށުވުމާއެކު އެތައް ބަޔަކަށް އަނިޔާވެސް ލިބިފައިވާ އިރު، އެ ހާދިސާ ހިނގުމާއެކު މެޗު ވަނީ ހުއްޓާލައިފައެވެ. އަދި ވަގުތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ސަޕޯޓަރުންނަށް ފަރުވާދޭން ވައްދާފައިވެސް ވެއެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ބައެއް ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުނީ ފޭކް ޓިކެޓްތަކެއް މެޗަށް ވިއްކާފައިވުމުން ކަމަށާއި އެކަމުގެ ތަހުގީގެއްވެސް މިހާރު ހިންގަމުންދާ ކަމަށެވެ.

ކަސްކަޓްލާން ސްޓޭޑިއަމްގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވެފައިވާ މީހުންގެ ތެރެއިން ދެމީހަކީ އަންހެނުންކަން މިހާރު ވަނީ ޔަގީންކުރެވިފައެވެ. އޭގެ އިތުރުން ހަތް ފިރިހެނެއްގެ ވަނަވަރުވެސް މިހާރު ފުލުހުން ވަނީ އާންމުކޮށްފައެވެ.

ސްޓޭޑިއަމްގެ ހާދިސާއާ ގުޅިގެން އަލް ސަލްވަޑޯގެ ރައީސް ނަޔިބް ބުކެލޭ ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވީ ބަޔަކު ބޮޑު އިހުމާލެއްވެގެން ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލިގެންދާނެ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ނުކޮށް ދޫކޮށްލެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށްވެސް ނަޔިބް ބުކެލޭ ވިދާޅުވިއެވެ.