Close
ދުނިޔެ

އަދުގެ ދުނިޔެ: އަރަބި ލީގުގެ ސަމިޓާއި ބައްޝާރާއި ޒެލެންސްކީގެ ފެނިލުން!

އިމާދު ލަތީފު

އަރަބި ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އަރަބި ލީގުގެ މެމްބަރު ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ސައޫދީ އަރަބިޔާގެ ޖިއްދާގައި ހުކުރުދުވަހު ވަނީ ބާއްވައިފައެވެ. މިއީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ވަރަށް ތާރީޚީ ސަމިޓެކެވެ. އަރަބި ލީގުން ސީރިޔާ ސަސްޕެންޑްކޮށްފައި އޮންނަތާ ބާރަ އަހަރު ފަހުން އެ ސަސްޕެންޝަން މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ އުވާލައިފައެވެ. އެހެންވީމާ ބާރައަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަމާއަތުގެ ބާވީސް ގައުމުގެ ރަސްރަސްކަލުންނާއި ރައީސުންނާއި ބޮޑުވަޒީރުންގެ އިތުރަށް ޚާއްސަ މެހުމާނެއްގެ ގޮތުގައި ޔުކްރޭނުގެ ރައީސް ލަޑޮމީރް ޒެލެލެންސްކީ ވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ބައްޝާރާއި ރައީސް ޒެލެންސްކީގެ ބައިވެރިވެވަޑައިގަތުން އޮތުމުން މި ސަމިޓުގެ ޚާއްސަކަމާއި މުހިއްމުކަން އިތުރުވެގެންދިޔައީއެވެ. އަރަބި ލީގަށް ސޫރިޔާ އަލުން ވެއްދުމާއި ސޫރިޔާގެ ރައީސަށް ސަމިޓުގެ ދައުވަތު ފޮނުވުމާއި ޔުކްރޭނުގައި ގަދަފަދަ ހަނގުރާމައެއް ހިނގަމުންދިޔުމާއެކުވެސް ޚާއްސަ މެހުމާނެއްގެ ގޮތުގައި ރައީސް ޒެލެންސްކީ ޖިއްދާއަށް ގެނައުމުގައި ހުރިހާ ދައުރެއް އަދާކުރީ ސައޫދީ އަރަބިޔާއިންނެވެ. ސައޫދީ އަރަބިޔާއަކީ މިހާރު އަރަބި ލީގުގެ ފުރާނައެވެ. ރޫހެވެ. ހުރިހާ ގައުމުތަކުންވެސް ތަބާވާކަމަށް ފެންނަނީ ސައޫދީ އަރަބިޔާގެ ލީޑަރޝިޕަށެވެ. ތަންކޮޅެއް ކުރީގައި މިއީ މިސްރާއި އިރާގު ފަދަ ގައުމުތަކުން އަދާކުރި ރޯލެކެވެ. އިގްތިސާދީ ސަބަބުތަކާހެދި އެގައުމުތަކުގެ ދައުރާއި ލީޑަރޝިޕް ހަނިވެ ގަލްފުގެ މުއްސަނދި ގައުމުތަކަށް އަރަބީންގެ ހުންގާނު މިހާރު ލިބިފައިވަނީއެވެ.

މި ސަމިޓުގައި މާގިނަ ނިންމުންތަކެއް ނިންމައި ގިނަ އެއްބަސްވުންތަކެއް ފައިދާކުރުމެއް ނުވެއެވެ. މިއީ ކުރިމަގުގައި އަރަބިން އެއްގަލަކަށް އަރާނޭކަމާއި ޚިލާފުތައް އެކަހެރިކޮށް އަރަބި ދުނިޔެއަށްޓަކައި ގުޅިގެން މަސައްކަތްކުރަން ތައްޔާރުކަމުގެ ސިގްނަލް ދުނިޔެއަށް ދިނުމުގެ ސަމިޓެކެވެ. އެއްދުވަހުން، އެއްހަފުތާއިން، އެއްމަހުން، އަދިކިޔެއްތަ އެއްއަހަރު ވަންދެން މަޝްވަރާ ކުރިޔަސް ހައްލު ނުހޯދޭވަރަށް އަރަބި ދުނިޔޭގައި މައްސަލަތައް ގިނައެވެ. ހަނގުރާމަތައްވެސް ގިނައެވެ. ސީރިޔާއާއި ޔަމަނާއި ސޫދާނުގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު އެހެރަދަނީ އަނދަމުންނެވެ. ލީބިޔާ، ސޮމާލިޔާ އަދި އިރާގުގައިވެސް ދާޚިލީ ހަމަނުޖެހުންތައް އިންތިހާއަށް ބޮޑެވެ. މޮރޮކޯ އާއި އަލްޖީރިޔާގެ މެދުގައި ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެޔޭ ހީވާވަރަށް އަރައިރުންތައް ބޮޑެވެ. ފަލަސްތީނުގެ މައްސަލަ އަދިއޮތީއެވެ. ލުބުނާނުގެ މައްސަލަވެސް އެފަދައިންނެވެ.

އެހެންވީމާ މި އެންމެހައި ގައުމުތަކުގެ ވެރިން އެއްތަނަކަށް ގެނައުމަކީވެސް ކުޑަ ކަމެއް ނޫނެވެ. ބޮޑު ކަމެކެވެ. ސީރިޔާގެ ރައީސްކަމުގައި ބައްޝާރު ހުންނަވަނިކޮށް އަރަބި ލީގުގައި ސީރިޔާ އަލުން ބައިވެރިކުރުމަކީ ނުވަތަ ސަސްޕެންޝަން އުވައިލުމަކީ އަރަބި ބައެއް ގައުމުތަކަށް ފަސޭހަކަމެއް ނޫނެވެ. އެކަމަކު އެކަންވެސް އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށްފަހު މިމަހުގެ ހަތްވަނަ ދުވަހު އެއޮތީ ކޮށްފައެވެ. ސީރިޔާގެ ސަސްޕެންޝަން އުވައިލުމަށްވުރެ ރައީސް ބައްޝާރާއިއެކު އެއްތަނެއްގައި އިށީނުމަކީ އަރަބި ބައެއް ލީޑަރުންނަށް ދަތިވާނޭ ކަމެކެވެ. އޭގެ ސަބަބަކީ ފާއިތުވި ބާރަ އަހަރު ބައްޝާރުގެ ސަރުކާރު ބަދަލުކުރަން އެންމެ ބޮޑަށް މަސައްކަތްކުރައްވައި ޚަރަދުވެސް ކުރެއްވީ އެބޭފުޅުންކަމަށް ވުމުންނެވެ. ސަމިޓުގެ ހާޒިރީންނަށް ބަލައިލުމުންވެސް މިކަން މޭރުންވެއެވެ.

އަރަބް ލީގުގެ އެންމެ މުހިއްމު އެއްގައުމުކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް ތަމްސީލް ކުރެއްވީ ނާއިބުރައީސް ޝައިޚް މަންސޫރެވެ. އޮމާން ތަމްސީލު ކުރެއްވީ ބޮޑުވަޒީރުގެ ނާއިބު އަސަދު ބިން ތާރިގެވެ. ކުވޭތު ތަމްސީލު ކުރެއްވީ ވަލީއަހުދު މިޝާލް އަލްއަހުމަދު އައްސަބާހެވެ. މޮރޮކޯ ތަމްސީލު ކުރެއްވީ ރަސްގެފާނު މުހައްމަދުގެ ޚާއްސަ މަންދޫބެއްގެ ގޮތުން އޭނާގެ ކޮއްކޯފުޅު ޕްރިންސް މުލާއީ ރަޝީދު ބިން ހަސަނެވެ. ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ހިނގަމުންދިޔުމާއެކު އެގައުމު ތަމްސީލު ކުރެއްވީ ޚާރިޖިއްޔާގެ އަންޑަރ ސެކްރެޓަރީއެކެވެ. ލީބިޔާ ތަމްސީލު ކުރެއްވީ ޕްރެޒިޑެންޝަލް ކައުންސިލްގެ ޗެއަރމަން މުހައްމަދު އަލްމަންފީއެވެ. ޔަމަނު ތަމްސީލު ކުރެއްވީ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ ޗެއަރމަން ރަޝާދު އަލްއާލިމީއެވެ.

ޚާއްސަ މެހުމާނެއްގެ ގޮތުގައި ޔުކްރޭނުގެ ރައީސް ޒެލެންސްކީ ބައިވެރިކުރުމަކީ ބެލެވޭގޮތުން އެހެން އެއްވެސް ގައުމަކާ މަޝްވަރާކުރުމެއްނެތި ސައޫދީ އަރަބިޔާގެ މުޅިން އަމިއްލަ ނިންމުމެކެވެ. ސަމިޓް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެއީ އެގައުމަށް އޮތް އިޚުތިޔާރެކެވެ. އެކަމަކު މިއީ ސީރިޔާގެ ރައީސް ބައްޝާރަށް ވަރަށްބޮޑު ގޮންޖެހުމެކެވެ. ބައްޝާރަކީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ ވަރަށް ގާތް ބައިވެރިއެކެވެ. ޔުކްރޭނުގެ ހަމގުރާމައިގައި ފާޅުގައި ރަޝިޔާއަށް ތާއީދުކުރައްވާ ލީޑަރެކެވެ. އެހެންވީމާ އެއްތަނެއްގައި ތިއްބެވުމަކީ ބައްޝާރަށްވެސް އަދި ޒެލެންސްކީއަށްވެސް ފަސޭހަކަމަކަށް ނުވާނެއެވެ. އެކަމަކު ކުރިންވެސް ދެންނެވި ފަދައިން މިއީ ކަމަށްވުރެ ބޮޑަށް ނަމުގެ ނުވަތަ ރަމްޒުގެ ސަމިޓަކަށްވާތީ އެކުގައި ފޮޓޯއަކަށް ހުއްޓި ތިބުމަކީ ދެން މާބޮޑު މައްސަލައެއްނޫންތާއެވެ.