ޚަބަރު

މަސްދަރު ގާނޫނުގައި ރަނގަޅު ކުރާންޖެހޭ ކަންކަން އެބަހުރި، އެކަން އަޅުގަނޑުވެސް ގަބޫލުކުރަން: ފައްޔާޒް

ކަންބޮޑުވުން އޮތް މަސްދަރު ގާނޫނުގައި ރަނގަޅު ކުރާންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމައަށް އެބަ އޮތް ކަމަށެވެ. ނަމަވެސް މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ދަށަށް ދިއުމަކީ ފަހަރުގައި ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުންވީ ކަމެއް ކަމަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.

"ގާނޫނަށް ގެނެވުނު މަސްދަރުގެ މައްސަލަ، އޭގައި އެބަހުރި އިޝޫސް. ހަމަ ރަނގަޅުކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" ފައްޔާޒް ވިދާޅުވިއެވެ.

ނޫސްވެރިނަށް މައުލޫމާތު ދޭ ފަރާތް (މަސްދަރު)، ޝަރީއަތް މެދުވެރިކޮށް ހާމަކުރުމަށް މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތްބައި އިސްލާހުކޮށް، ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރުމަށް އަމުރުކުރުމުގެ ބާރު ހަމައެކަނި ހައިކޯޓަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވި ނަމަވެސް އެ ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފައެވެ.