އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންނާއި އެ ޕާޓީގައި ތިއްބެވި މަޖިލިސް މެންބަރުންގެ މެދުގައި ކޯޅުން ބޮޑުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާގެ ނަން އިއްވައި ރޮޒޭ މަޖިލިސް ތަޅުމުން ނުކުންނަވަންދެން، މަޖިލިސް ޖަލްސާ މެދުކަނޑައިލުމުންވެސް ރޮޒޭ ނުނިކުމެގެން އަލުން ޖަލްސާ ފަށައިފިއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހިފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރި ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި، ގަރާރުގެ ބަހުސްގައި، ވަރަށްބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވާހަކަ ދައްކަން ފެއްޓެވުމުން، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ރުޅުވެރިކަން ފާޅުކޮށް އަޑުގަދަކޮށް ރައްދު ދެއްވަން ފެއްޓެވިއެވެ.

އޭގެ ތެރޭގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އާއި ރޮޒެއިނާގެ އިތުރުން އެހެން ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

އަޑުފައްގަނޑު ގަދަވި ވަގުތު މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ރޮޒެއިނާއަށް އަންގަވަން ފެއްޓެވިއެވެ. އެއަށްފަހު ރޮޒެއިނާގެ ނަން އިއްވައި، ހޯލުން ބޭރަށް ނިކުންނެވުމަށް އެންގެވިއެވެ. ވަގުތުން ރޮޒެއިނާ ވިދާޅުވީ ހޯލުން ނުނިކުންނަވާނެ ކަމަށެވެ.

ކުޑަ ވަގުތުކޮޅަކަށްފަހު މަޖިލިސް ރައީސް ދެން ވިދާޅުވި، ރޮޒެއިނާ ނިކުންނަވަންދެން މަޖިލިސް ޖަލްސާ މެދުކަނޑާލަން މަޖުބޫރުވާ ކަމަށެވެ. އެއަަށްފަހު ރޮޒެއިނާ ނިކުންނަވަންދެން ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ

ދިހަ ވަރަކަށް މިނިޓް ފަހުން މަޖިލިސް ރައީސް އަނެއްޖާ ޖަލްސާ ފެއްޓެވިއެވެ. އޭރުވެސް ރޮޒެއިނާ އިންނެވީ މަޖިލިސް ޖަލްސާގައެވެ.

ޖަލްސާ ފެއްޓެވުމަށްފަހު މަޖިލިސް ރައީސް އަނެއްކާވެސް ވިދާޅުވީ، ރޮޒެއިނާގެ ނަން އިއްވާފައިވާ ކަމަށާއި، ޖަލްސާއިން ނިކުންނެވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ރޮޒެއިނާ ނުނިކުންނެވިއެވެ.

ދެން މަޖިލިސް ރައީސް ވިދާޅުވީ ރޮޒެއިނާއަށް އެހީތެރިވުމުގެ ގޮތުން އަނެއްކާވެސް އެ މެންބަރުގެ ނަން އިއްވާކަމަށެވެ. ވިދާޅުވެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތިންފަހަރު ދަންނަވައި ދެވަނަ ފަހަރަށް ރޮޒެއިނާގެ ނަން އިއްވެވިއެވެ. ކުރިންވެސް ރޮޒެއިނާގެ ނަން އިއްވީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ދެންނެވުމަށްފަހުގައި ކަމަށް ވިދާޅުވެ، ރޮޒެއިނާ ހޯލުން ނިކުންނެވުމަށް އަނެއްކާވެސް މަޖލިސް ރައީސް އެދިވަޑައިގެންނެވިއެވެ.

އިރުކޮޅެއް ފަހުން މަޖިލިސް ރައީސް ވިދާޅުވީ، ވަގުތު ނާރުވަނީސް ރޮޒެއިނާ ވާހަކަ ދައްކަވައިފި ކަމަށާއި، އަނެއްކާވެސް ރޮޒެއިނާ ގަވާއިދާ ހިލުފްވެވަޑައިގެންނެވީކަމަށެވެ.

އެވަރުންވެސް ރޮޒެއިނާ ޖަލްސާއިން ނުނިކުންނެވިއެވެ. ވަގުތުކޮޅެއްފަހުން މެންބަރު ޔާސިރަށް އަނެއްކާވެސް ފުރުސަތު އަރުއްވަމުން މަޖިލިސް ރައީސް ވިދާޅުވީ "ގަވާއިދުގެ ބޭނުމަށް ޓަކައި އަޅުގަނޑު މިދެކެނީ އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިތާ ނެތް ކަމަށް،" ކަމަށެވެ. އަދި ޖަލްސާ ކުރިއަށް ގެންދަވަން ފެއްޓެވިއެވެ.

ނަން އިއްވާ މެންބަރަކު ޖަލްސާއިން ނެރެން ޖެހޭނެ ކަމަށާއި، ނަން އިއްވި މެންބަރު ޖަލްސާއިން ނުނެރުއްވައި ޖަލްސާ ކުރިއަށް ގެންދެވުމަކީ މަޖިލިސް ގަވާއިދު ތަންދޭކަމެއްނޫން ކަމަށް ވިދާޅުވެ ބައެއް މެންބަރުން ނެންގެވި ނިޒާމީ ނުކުތާތަކަށް މަޖިލިސް ރައީސް ޖަވާބު ދެއްވިއެވެ.

އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުުގަނޑަށް ލަފާލިބިފަ އޮތީ ގަވާއިދުގެ ބޭނުމަށް ޓަކައި އެ އިއްޒަތްތެެރި މެންބަރު މިތާ ނެތްކަމަށް ބަލައިގެން ކުރިއަށްދާން، އަޅުގަނޑު އެއްގޮތަކަށްވެސް ގަދަބާރުން އުފުލާލައިގެން އަދި ގެންދާކަށް ނޫޅެން، އެހެންނަމަވެސް އެކަން އަޅުގަނޑަށް ކުރަން ޖެހިއްޖެއްޔާ ޖެހޭނީ ކުރަން،" ކަމަށެވެ. އަދި މަޖިލިސް ކުރިއަށް ގެންދަނީ ގަވާއިދާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ރިޔާސަތުގައި އިންނަވައިގެން މެންބަރުންނަށް ތަފާތުކުރުން ގެންގުޅުންވަމުން ގެންދަވާކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޮވޭ، މިތަނުގެ މަސްލަހަތާއި ދިވެހިރާއްޖޭގެ މަސްލަހަތު ވެސް ހިފެހެއްޓުން، އަޅުގަނޑު އެކަން ކުރަމުން ގެންދާނީ މަޖިލީހުގެ ގަވާއިދާއި ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އާއި އަދި މާތްވެގެންވާ އިސްލާމްދީންގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އަޅުގަނޑަށް މިގަޑީގައި އައްޑޫމީދޫ ދާިއރާގެ މެންބަރު ގަދަބާރުން ނެރުން އެއީ ރަނގަޅު ގޮތުގައެއް ނުދެގެން، އެެހެންވީމާ ގަވާއިދުގެ ބޭނުމަށްޓަކައި އެ މެންބަރު ނެތްކަމަށް ބެލެވެން އެބައޮތް ގަވާއިދުގައި އެ ޖާގަދޭ އެގޮތަށް މި ކުރިއަށްދަނީ،" ކަމަށެވެ.

އެހެން ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ފުރުސަތު ދެއްވިއެވެ.

ހޯލުން ނުނިކުންނަވައި ރޮޒެއިނާ އިންނެވުމުން، ޝިޔާމްގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، ނަން އިއްވުމުން މެންބަރު ޖަލްސާއިން ނިކުންނަވަން ޖެހޭނެ ކަމަށެވެ. އަދި ގަދަބާރުން ރޮޒެއިނާ ނެރެވޭނެ ގޮތެއް ނެތްތޯވެސް މަޖިލީހުގެ ރައީސާ ޝިޔާމު ސުވާލު ކުރެއްވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ، ރޮޒެއިނާ ގަދަބާރުން ރުމަށް ގަސްތު ނުކުރައްވާ ކަމަށެވެ. އެހެނެކްމުން އެއީ ޖަލްސާގައި ނެތް ބޭފުޅެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަން އިއްވާ ބައެއް މެންބަރުން ގަދަބާރުން ޖަލްސާއިން ނެރޭކަން ފާހަގަ ކުރައްވައި، މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ ކޮންމެވެސް އެއްގޮތަކަށް ކަމަށް ވިދާޅުވެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ޖަލްސާ މެދުވެސް ކަނޑާލައިފިން ދެން އެހެންނަމަވެސް މިވަގުތު ސާޖެންޓްއެޓްއާމްސް ގެ އަންހެން ބޭފުޅުންވެސް މިތަނުގައި މަދުކަމާއި، އަދި އެހެން ނޫނަސް ވެސް އެ އިއްޒަތްތެެރި މެންބަރު ގަދަކަމުން ނެރުން އެއީ އަޅުގަނޑަށްވެސް އެހާ ފެންނަ ކަމަކަށް ނުވާތީ، އެކަން ނުކުރައްވަނީ،" ކަމަށެވެ.

އެހެންކަމުން ރޮޒެއިނާ އަކީ ޖަލްސާގައި އިންނެވި ބޭފުޅެއް ނޫން ކަމަށް ބެލުމަށް ހުރިހާ މެންބަރުންގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ ކުރިން ނަން އިއްވާ މެންބަރުން ގަދަ ބާރުން ނަމަވެސް ޖަލްސާއިން ނެރެއެވެ. އަދި މީގެ ކުރިން އެއް ޖަލްސާއެއްގައި ދެ ފަހަރަށް މެންބަރެއްގެ ނަން އިއްވާފައެވެސް ނެތެެވެ.