ރައްޔިުތންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ ގޮނޑިން ފައިބައިވަޑައިގަންނަން ގޮވާލައްވައި އަޑުގަދަ ކުރެއްވުމުން ރައްޔިތުންގެ މަޖިލީހު ގެކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލިސް ތަޅުމުން ނެރެފިއެވެ.

ޖާބިރުގެ ރުޅިގަނޑު ފަޅައިގެންދިޔައީ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހިފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރި ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި، ގަރާރުގެ ބަހުސްގައި، އެމްޑީޕީ ތެރޭގައި އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް، ރައީސުލްޖުމްހޫރިއްއާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވުމުން މަޖިލިސް ރައީސް ދެއްވި ޖަވާބާ ގުޅިގެންނެވެ.

އެ މައްސަލައިގެ ބަހުސްގައި ދެއްކި ވާހަކާގައި ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ، ޑިމޮކްރަސީ އާއި ހަމަ ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދެން ވިދާޅުވީ، "އަޅުގަނޑު މިއަދު ވަަރަށް ހިތާމަ ކޮށްފިން ޑިމޮކްރަސީ ފަހަތަށް ސޮއްސާލީމަ، މަޖިލިސް ރައީސް އިސްވެ ހުރެގެން ނިކުންނަވާފަހުރީ، މި މަޖލީހުގެ އުސޫލުތަކާ ހިލާފަށް، އަދިވެސް އަޅުގަނޑު ނަސޭހަތްތެރިވަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު އެހުރީ ހޮވިފައޭ، އެކަމަށް ޗެލެންޖު ނުކުރާށޭ އެކަމެއް ނުވެސްވާނެއޭ،"

އިތުރަށް ޖާބިރު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އޭނާ ބޯކޮށް ލާރި އަޅާނެ ކަމަށާއި، ހަމަ ބޯކޮށް މަސައްކަތް ކުރާނެކަން މަޖިލީހުގެ ރައީސަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޖާބިރުގެ ވާހަކަ މަޖިލިސް ރައީސް ހުއްޓުވީ، "މިތާނގައި އަދިވެސް މަޖިލީހުގެ ރައީސަށްވެސް ކާމިޔާބު އޮތީ، ތި ގްރޫޕަށްވެސް ކާމިޔާބު އޮތީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިށީނދެ ވާހަކަ ދައްކައިގެން،" ކަމަށް ޖާޞިރު ވިދާޅުވުމުންނެވެ.

އެހިސާބުން ޖާބިރުގެ ވާހަކަ މެދުކަނޑުއްވާލައްވައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، "މިރާއްޖޭގެ އެކިއެކި ބޭފުޅުންނަށް ނަސޭހަތް ދެއްވުމާއި އެބާވަތުގެ ކަންކަން އެގޮތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުން އެދެން،" ކަމަށެވެ.

އެހިސާބުން ޖާބިރުގެ ރުޅިގަނޑު ފަޅައިގެންގޮސް ވިދާޅުވީ، "މަޖިލީހުގެ ރައީސް ތިގޮތަށް ވާހަކަ ދައްކަވަންޏާ އަޅުގަނޑަށް ފެންނަނީ ތިރިގޮނޑިއަށް ފައިބާވަޑައިގެން ވާހަކަދެއްކެވުމަށް،" ކަމަށެވެ.

ދެން ވިދާޅުވީ، އެގޮތަށް ވާހަކަ ދައްކަން ވަޑައިގަންނަވަން ޖެހޭނީ މަޖިލިސް ރައީސްގެ ގޮނޑި ދޫކޮށް، އާދައިގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.

"އިސްތިއުފާ ދީފަ އަންނާށޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ތިގޮނޑިން ފައިބާށޭ، ވަގުތު ސަލާމަތްކުރުމުގެ ގޮތުން ހަމަ މިހާރު ފައިބާށޭ، މިހާރުން މިހާރަށް، ތިވައްތަރަކަށް އަޅުގަނޑުމެންނަކާ ޑީލެއް ނުކުރެވޭނެ، މިއީ ރައްޔިތުންގެ މަޖިލިސް، ތިވައްތަރަށް އުޅެންޏާ އަޅުގަނޑުމެން ނެރޭނަން މިތަނުން ވަކިކޮށްފަ،"

އެހިސާބުން ޖާބިރު އިށީންނެވުމަށް މަޖިލިސް ރައީސް އެންގެވިއެވެ. އެއަށްފަހު ޖާބިރު ޖަލްސާއިން ނިކުންނަވަން ހިންގަވައިގަތުމުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލިސް ރައީސް ޖާބިރަށް އެންގެވިއެވެ. އެހިސާބުން އަނެއްކާ ޖާބިރު ހަޅޭއްލަަވަން ފެށިއެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތިން ފަހަރު އެންގެވުމަށްފަހު މަޖިލިސް ރައީސް ޖާބިރުގެ ނަން އިއްވައި މަޖިލީހުން ނިކުންނެވުމަށް އެންގެވިއެވެ.