ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިމަހު ތިންވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ބައްދަލު ކުރެއްވިކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގު ކޮށްފިއެވެ.

އެ ދަތުރުފުޅުގައި ރައީސް ސޯލިހު އަލީ ވަހީދާ ބައްދަލު ކުރައްވައި، އޭނާގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާނެކަމަށް ދަންނަވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަން ދޮގު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސްގެ ދަތުރުފުޅުގައި އަލީ ވަހީދާ ބައްދަކު ކުރެއްވިކަމަށް ދައްކާ ވާހަކަތަކަކީ، ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، އަލީ ވަހީދަށް ވަނީ ދައުލަތުން ގިނަ ދައުވާތަކެއް ކޮށްފައެވެ.

އޭގެ ތެރޭގައި ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއްވެސް ދައުލަތުން އުފުލާފައިވެއެވެ. އެ ހުރިހާ ދައުވާއަކަށް ވެސް އަލީ ވަހީދު ވަނީ އިންކާރު ކުރައްވައިފައެވެ.

އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އެ ދައުވާތައް ފަހެއް އޮކްޓޫބަރު 2022 ގައި ކުރިމިނަލް ކޯޓުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އަނބުރާ ފޮނުވާލައިފައެވެ. ދައުވާތައް އަނބުރާ ފޮނުވައިލީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވެސް އޭނާ ޝަރީއަތަށް ހާޒިރު ކުރެވޭގޮތް ނުވެގެންނެވެ.

ނަމަވެސް ޕީޖީ އޮފީހުން އޭރު ބުނެފައި ވަނީ އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލާފައި ވަނީ، އެ މައްސަލަތައް ފަހުން ހުށަހެޅޭ ގޮތަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިމަހު އިނގިރޭސިވާލުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ މަނިކުވާނު ވަނީ، ކޮމަންވެލްތު ލިޑާސް އިވެންޓްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.