ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން މިއަހަރުގެ ފުރަތަމަ އެއާޕޯޓް ރެސްކިއު އެންޑް ފަޔަފައިޓިން (އޭއާރްއެފްއެފް) ކޯސް ފަށައިފި އެވެ.

ހދ. ހަނިމާދޫގައި ކުރިއަށްގެންދާ މި ކޯހަކީ އާރްއޭސީއެލްއާ އަލަށް ގުޅުނު މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް ޓްރެއިނިން ކޯހެކެވެ. މިމަހުގެ 7 ވަނަ ދުވަހު ފެށި މި ކޯސް އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދަން އާރްއޭސީއެލް އިން ވަނީ ނިންމާފަ އެވެ.

އާރްއޭސީއެލް އިން މައުލޫމާތުދޭ ގޮތުގައި މިއީ މިއަހަރުގެ ފުރަތަމަ ކޯހެވެ. އަދި މި ކޯހުގައި ޖުމްލަ 20 ބައިވެރިން ބައިވެރިވެ ތަމްރީނުވަމުން އަންނަ ކަމަށް އެކުންފުނިން ބުންޏެވެ.

އާރްއޭސީއެލް އިން ބުނީ މި ކޯހުގެ މަގުސަދަކީ އެ ކުންފުނިން ހިންގާ އެއާޕޯޓުތަކުގެ އަމަލުކުރުމަށް ގާއިމުކޮށްފައިވާ އެއާޕޯޓް އިމަޖެންސީ ޕްލޭން (އޭއެސްޕީ) އަށް އަމަލުކުރުން ދަސްކޮށްދިނުމާއި މަތިންދާބޯޓު އޮޕަރޭޓް ކުރާ ސަރަހައްދުގައި ދިމާވެދާނެ އެކިއެކި އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރިވެ ސަލާމަތްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ކޯހުގެ ބައިވެރިންނަށް ދިނުން ކަމަށް އާރްއޭސީއެެލް އިން ބުންޏެވެ.

މި ކޯހުގައި ބައިވެރިންނަށް ޕްރެކްޓިކަލް އަދި ތިއަރީން ތަމްރީނުތައް ދިނުމަށް ވަނީ ރާވާފަ އެވެ. ކޯހުގައި ކިޔަވައިދެމުންދަނީ އާރްއޭސީއެލްގެ ޓްރެއިނަރުންނެވެ. މި ޓްރެއިނަރުންނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބިފައިވާ ތަޖުރިބާ އަދި ގާބިލުކަން ހުރި އިން-ހައުސް ޓްރެއިނަރުން ކަމަށް އާރްއޭސީއެލް އިން ބުންޏެވެ.

އާރްއޭސީއެލް އިން އިތުރަށް ބުނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ ތަމްރީނުތައް އޭވީއޭޝަން ސިނާއަތަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެގޮތުން އެކުންފުނީގެ ފަރާތުން ޓްރެއިނިން އެކަޑަމީއެއް ގާއިމުކުރުމުގެ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ހިންގާ ކޯސްތަކުގެ ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކާއި އާއްމުންނަށްވެސް ހުޅުވާލާނެ ކަމަށް އާރްއޭސީއެލް އިން ބުންޏެވެ.

ރާއްޖޭގައި ގާއިމުކޮށްފައިވާ ހަމައެކަނި އެއާޕޯޓް ފަޔަ ސިމިއުލޭޓަރު ގާއިމުކޮށްފައިވަނީ އާރްއޭސީއެލް އިން ހިންގާ ހޯރަފުށި އެއާޕޯޓުގަ އެވެ.