މި އަހަރު ރާއްޖޭގައި ބާއްވަން އިއުލާންކޮށްފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް އިއުލާނުކޮށް، ލޯގޯވެސް އިއްޔެ ދައްކާލައިފިއެވެ.
ރާއްޖޭގައި މި އަހަރު ބައިނަލްއަގުވާމީ ސާފިން މުބާރާތެއް ހޯސްޓް ކުރަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާންކުރެއްވީ މި މަހު ބޭއްވި ސްޕޯޓްސް އެވޯޑް ހަފުލާގައެވެ. އެ ހަފުލާގައި އެކަން އިއުލާންކުރެއްވުމާ އެކު އެސޯސިއޭޝަނުން ވަނީ ސާފިން ލީގުގެ ކަލަންޑަރަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ޖުލައި މަހުގެ ކުރީކޮޅު ހިންމަފުށީގައި ބާއްވަން އޮތް ގާމާދޫކޮޅު މުބާރާތް މިހާރު ވަނީ ޖޫން މަހަށް ބަދަލުކޮށްފައެވެ.
ރާއްޖޭގައި ބާއްވަން ތައްޔާރުވެފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަންނަ މަހު އަށަކުން 17 އަށް ކ. ތުލުސްދޫގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ އިރު، 20 ވަރަކަށް ގައުމުން މިފަހަރުގެ މުބާރާތުގައި ވާދަކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިފަހަރު ރާއްޖޭގެ ސާފަރުން ނުކުންނާނީ ރަން ނޫނީ ރިހި މެޑަލް ހޯދުމަށް ކަމަށް ސާފިން އެސޯސިއޭޝަންގެ ޗެއާމަން މުހައްމަދު ސޮބާހު (ޗޭ) "ވަން" އަށް ކުރިން ވިދާޅުވެފައިވެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ސާފިންގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށާއި، މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެސޯސިއޭޝަނުން ކުރި މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ބައިނަލްއަގްވާމީ ނުވަ މުބާރާތުން ރާއްޖެއަށް ކުޅިވަރުގައި ކުރިއެރުން ލިބުނު ކަމަށާއި، މިއަހަރު ބާއްވާ މުބާރާތްތަކުންވެސް ގިނަ ކުރިއަރެންތަކާއި ކާމިޔާބީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ސާފިން ކުރިއެރުވުމަށް ސާފިން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވަމުން މަހުލޫފު ވިދާޅުވީ މިދިޔަ ދެތިން އަހަރަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައި އެންމެ ބޮޑު އެއްބާރުލުމެއް މިނިސްޓްރީއަށް ލިބުނު އެއް ކުޅިވަރަކީ ސާފިން ކަމަށެވެ.
އިއްޔެ ވާހަކަ ދައްކަވަމުން އެސޯސިއޭޝަންގެ ރައީސް ޗޭ ވިދާޅުވީ މިއީ ރާއްޖޭގެ ސާފިން ތާރީހުގައިވެސް ތާރީޚީ ދުވަހެއްކަމަށާއި، މިދިޔަ ދެތިން އަހަރު ސާފިން އަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އޭގެ ހެއްކަކީ މި މުބާރާތް ރާއްޖޭގައި ބޭއްވުންކަމަށް އޭނާ ވިދާޅުވިއެވެ. ޗޭ ވަނީ މުބާރާތުގެ ތައްޔާރީތަކަށް ތުލުސްދޫގެ ސާފިން ކޮމިއުނިޓީ އާއި ތުލުސްދޫގެ ކައުންސިލުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.
އިއްޔެގެ އިވެންޓްގައި ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ ދައްކާލާފައިވާ އިރު، ލޯގޯގެ ފަރުމާއިން ފެންނަނީ ރާއްޖޭގެ ހިތްގައިމު ކަނޑުގެ ދިރުންތަކުގެ ރަމްޒެއްގެ އިތުރުން ރާޅެއްގެ މަންޒަރެކެވެ. އޭގެ އިތުރުން ލޯގޯއިން ރަށްފުށުގެ ސާދާ، ހިތްފަސޭހަ ދިރިއުޅުން ރަމްޒުކޮށްދޭ ކުރެހުންތައްވެސް ފެނިގެން ދެއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް އިއުލާނުކުރުމަށް އިއްޔެ ބޭއްވި އިވެންޓްގައި މީގެ ކުރިން 2019 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ހުސައިން އަރީފް (އިބޫ) އާއި މިދިޔަ އަހަރު ސާފިން ލީގު ކާމިޔާބުކުރި އަހުމަދު އާގިލް އަދި ކޯޗު ކްލައިޑް މާޓިން ބައިވެރިވެފައިވެއެވެ.
ސާފިން
ސާފިން
ސާފިން
ސާފިން