ކެމްބޯޑިއާގައި މިހާރު ކުރިއަށްދާ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ސަރަހައްދީ ކުޅިވަރު މުބާރާތުގެ އަންހެނުންގެ ފަސްހާސް މީޓަރު ދުވުމުގެ އެންމެ ފުލަށްދިޔަ ކެމްބޯޑިޔާގެ އަންހެންކުއްޖާ އެގައުމުގެ އެންމެން ފަޚުރުވެރިވާ މަޝްހޫރު ތަރިއަކަށްވެއްޖެއެވެ.
އުމުރުން ވިހި އަހަރުވީ ބައު ސަމްނަންގް ދިޔައީ ރޭހުގެ އެންމެ ފުލަށް ކަމުގައިވިޔަސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކާއެކުވެސް ރޭހުން ވަކިނުވެ ގައުމަަށްޓަކައި ރޭސް ނިންމާފައިވާތީ ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުންސެން ވަނީ އޭނާއަށް ދިހަހާސް ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ދެއްވައިފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުންވެސް އޭނާއަށް ބޮޑެތި އިނާމު ދީފައިވެއެވެ. ކުޅިވަރަކީ މޮޅުވުމާއި ދެރަވުމުގެ އިތުރަށް ހިތްވަރާއި އަޒުމާއި ގުޅިފައިވާ އެއްޗެއް ކަމަށާއި ބައު ސަމްނަންގެ ފަރާތުން ގައުމަށްޓަކައި ހިތްވަރާއި އަޒުމް ފެނިގެން ހިނގައްޖެކަމަށް ބޮޑުވަޒީރު ހުންސެން ވިދާޅުވިއެވެ.
ބައު ސަމްނަންގް ފިޔަވައި ރޭހެއްގެ ފުލަށްދިޔަ އެތުލީޓަކަށް އެއްވަނަ އެތުލީޓަށްވުރެ ބޮޑެތި އިނާމާއި މަޝްހޫރުކަން މީގެކުރިން ދުވަހަކުވެސް ލިބިފައެއް ނުވެއެވެ. މި އިވެންޓުގެ އެއްވަނަޔަށް ދިޔަ ވިއެޓްނާމުގެ ދުވުންތެރިޔާގެ ވާހަކަ ނުދައްކައި އެންމެންވެސް ދައްކަނީ އެންމެފުލަށްދިޔަ އެތުލީޓުގެ ވާހަކައެވެ.
ބައު ސަމްނަންގް ބުނެފައިވަނީ ދެން އެންމެ އަވަހަަށް ބައިވެރިވާ ރޭހަކުން އެއްވަނަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރާނޭ ކަމަށާއި އެތުލެޓިކްސްއަށްވުރެ ބޮޑަށް އޭނާ އަދިވެސް ބޭނުންވަނީ ކިޔަވަން ކަމުގައެވެ. އޭނާއަށް އަލަށް ލިބުނު މަޝްހޫރުކަމާއެކު ތައުލީމުދޭ ވަރަށް ގިނަ ތަންތަނުން ވަނީ އޭނާއަށް ހިލޭ ސްކޮލަރޝިޕްވެސް ހުށައަޅައިފައެވެ. ބައު ސަމްނަންގެ ކިޔެވުން ކުރިއަށް ގެންދާން އޭނާ ބޭނުންވަނީ އައިޓީ އާއި ގާނޫނުގެ ދާއިރާއިންނެވެ.