ޖުމުލަ 47 ސްކޫލެއްގެ 1500 އަށްވުރެ ގިނަ އެތުލީޓުންނާއެކު ފެށި އެތުލެޓިކްސްގެ އެންމެ ބޮޑު ހަރަކާތުގެ ތަފާތު މަންޒަރެކެވެ. އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ހުޅުވުމަށް ހުޅުމާލޭ ޓްރެކަށް ހޮނިހިރު ދުވަހު ޖަމާވެ ތިބި އެތައް ބައެއްގެ ލޮލަށް ފިނިކަން ގެނުވި މަންޒަރެކެވެ. ބެލެނިވެރިންނާއެކު ކުދިން އެކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ސްޕެޝަލް އޮލިމްޕިކްސްގެ ހާއްސަ އެތުލީޓުންނަށް ތަރުހީބު ދީ، އަތްތައް ވިހުރުވާލި މަންޒަރެވެ. ހިތްގައިމެވެ. ހިތްހަމަ ޖެހެއެވެ. އުފާވެރިވެސް މެއެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ފެށުމަށް ބޭއްވި ހާއްސަ ބޮޑު އިވެންޓްގައި، އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ސްޕެޝަލް އޮލިމްޕިކްސްގެ ޓްރެކް އެތުލީޓުންގެ ހުނަރު ދައްކާލުމަށް ހާއްސަ ކުދި އިވެންޓްތަކެއް ބާއްވާފައެވެ. އެތަކެއް ސްކޫލެއްގެ އެތަކެއް ދަރިވަރުންނެއްގެ ކުރިމަތީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ދުވި ދުވުންވީ އެތުލީޓުންނަށްވެސް ނަމޫނާ މަންޒަރަކަށެވެ. ހާއްސަކޮށް ބާކީ ނުކުރުމަށް ދިން ހާއްސަ މެސެޖަކަށެވެ. ކުދިންގެ ހުނަރުން އެތައް ބަޔަކަށް އިހުސާސްވީ ފުން އިހުސާސެއްކަން ޔަގީނެވެ. އެކުދިންގެ ކޯޗެއްގެ ގޮތުގައި އިވެންޓްގައި ބައިވެރިވި އިބްރާހީމް ރަމީޒް (އިއްބެ) ފަހުރުވެރިވި ފަދައިން، މުޅި ސްޓޭޑިއަމް އެކުގައި އެކުދިންނަށް ފަހުރުވެރިވިއެވެ.
"ކުދިން މިއަދު މި ތައްޔާރުވަނީ 50 މީޓަރު ދުވެލަން،" ކުދިންގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުންނާއި ކޯޗެއްގެ ހައިސިއްޔަތުން ފަހުރުވެރިވެ ހުރެ އިއްބެ ބުންޏެވެ.
"އެންމެ އުފާވެރި ހަބަރަކީ، މިކުދިންނަކީވެސް މިހާރު ވާދަކޮށްގެން މެޑަލް ހޯދާ ކުދިން ކަމަށްވުން. ޖޫންގައި ބާލިންގައި އޮންނަ ގޭމްސްއަކަށް ދާން މި ތައްޔާރުވަނީ. އިންޝާﷲ އޭގައި 100 މީޓަރު އަދި 200 މީޓަރު އެތުލެޓިކްސްގައި މިކުދިން ބައިވެރިވާނެ. އޭގެ (ފަރިތަކުރުންތައް) ދައްކާލަން މި ކުދިން މި ތައްޔާރުވަނީ. އެކަމަށް ހުރިހާ ކުދިންނާއި އެންމެންވެސް މިކަމަށް ތަރުހީބު ދެއްވުން ވަރަށް ބޮޑަށް އެދެން،" އިއްބެ ކުދިންގެ ދުވުން ފެށުމުގެ ކުރިން ކުޑަކޮށް ކުދިންގެ ތަމްރީނުތަކަށް ބުނެލިއެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް، 2019 ވަނަ އަހަރު ވުޖޫދުވެ، މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އިރު، ޖަރުމަނުގައި 2023 ވަނަ އަހަރު އޮންނަ ސްޕެޝަލް އޮލިމްޕިކްސްއަށް ރާއްޖެއިން ވާދަކުރާ އެތުލީޓުން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ. އަބޫދާބީގައި 2019 ވަނަ އަހަރު ބޭއްވި ސްޕެޝަލް އޮލިމްޕިކްސްއިން ރާއްޖޭގެ ކެއާ ސޮސައިޓީގެ ދަރިވަރު ޝިފުނާ އިބްރާހީމަށް ރަން މެޑަލްވެސް ލިބިފައިވާ އިރު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފެދުނު ފަހުން ރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގައިވެސް ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ. ބައިވެރިވުމުގެ އެ އިހުސާސަކީ ކުދިންގެ މޫނުތަކަށް ގެނެސްދޭ ތަފާތު އުފާވެރިކަމުގެ އިހުސާސެކެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްބެ އެންމެ އަސަރާއެކު ކިޔައިދިން ވާހަކައަކީ އެކުދިންނަށް ލިބުނު ފުރުސަތުގެ ވާހަކައެވެ. ވާދަވެރި މާހައުލަކަށް ކުދިން ނެރުމުން ކުދިންނަށް ލިބުނު އުފާވެރިކަމުގެ ވާހަކައެވެ. ހާއްސަކޮށް މީގެ ކުރިން ނުކުޅަދެންތެރިކަން ހުންނަ ކުދިންނާ އަޅައިނުލެވި އޮތް އޮތުމަށް، މިހާރު އައިސްފައިވާ އިންގިލާބީ ބަދަލުގެ ވާހަކައެވެ.
"މީގެ ކުރިން މި ކުދިންނަކީ އަޅާނުލެވި ތިބި ކުދިން. ގެއިން ބޭރަށްވެސް ނުނިކުމެ ތިބި ކުދިން. ކުޅިވަރުގެ މައިދާނުން އެއްވެސް ވަރަކަށް ނުފެންނަވެސް ކުދިންތަކެއް. އެހެންނަމަވެސް، މިއަދު އެކުދިންވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރުގެ މައިދާނުގައި ފައިތިލަ ސާބިތުކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް. އިންޝާﷲ ސްޕެޝަލް އޮލިމްޕިކްސްގެ ހުރިހާ އެތުލީޓުންނަކީ ރާއްޖެ ފަހުރުވެރިވާފަދަ އެތުލީޓުންތަކަކަށް ހެދުމަށް މަސައްކަތް ކުރާނަން،" އިއްބެ ބުންޏެވެ.
މިފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ކުދިންނަށް އާބަންކޯގެ އެމްޑީ އަހުމަދު އާތިފް، ހާއްސަ މެޑަލް ހަވާލުކުރައްވާފައިވެސް ވެއެވެ. އެވަގުތު ކުދިން ދިޔައީ އެ ކުދިންގެ ހާއްސަ ހުނަރުތައްވެސް ދައްކާލަމުންނެވެ. އެއްކުއްޖަކު މަޝްހޫރު ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ އެކްޓިން ޖައްސާލަދިން އިރު، މޮޅުކޮށް ނަށާލި ކުދިންވެސް ފެނިގެން ދިޔައެވެ.
ތަރައްގީގެ ނާރެހުން ހޯދޭނެ އެންމެ ބޮޑު ކުރިއެރުމަކީ މުޖުތަމައުގައި ތަފާތުކުރުންތައް މަދުކުރުމެވެ. ބައިވެރިކުރުން ބޮޑުކުރުމެވެ. އެފަދަ ކޮންމެ މަންޒަރަކުންވެސް ފެނިގެން ދާނީ އުފާވެރި މޫނުތަކެވެ. ކޮންމެ ރޭހެއް ނިންމައި ސްޓޭޑިއަމްގައި ތިބި އެތައް ބައެއްގެ ކުރިމަތީގައި ކުދިންތައް ފޯރި ނަގާލި މަންޒަރުން ލިބުނީ ފިނިކަމެކެވެ.އެއީ ހާއްސަ މަންޒަރުތަކެކެވެ. ހާއްސަ ވަގުތުތަކެކެވެ.