ރާއްޖެއާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބައުންޑަރީއެއް ގާއިމުކުރުމަށް އައްޑޫ ސިޓީއާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބެހުމުގައި އަމަލުކުރި ގޮތުގެ ދިރާސާއެއް ހަދަން ބާ ކައުންސިލުން ނިންމައިފިއެވެ.

ބާ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މަސްލަހަތަށް މުހިންމު މައްސަލައެއް ކަމަށެވެ. އާންމު މަސްލަހަތާއި ދުސްތޫރި މައްސަލަތަކާއި ގުޅިގެން ބާ ކައުންސިލުން މައުލޫމާތު ހާމަކުރުމަކީ "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ގެ ދަށުން ބާ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މި މައްސަލައިގައި ބާ ކައުންސިލުގެ ރައުޔު ހާމަކޮށްދިނުމަށް އެދި ބާ ކައުންސިލްގެ މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަލައިގަތުމަށް ނިންމައި، މި މައްސަލަ ދިރާސާކުރުމަށް ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް ފޮނުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ނިންމާފައި" ބާ ކައުންސިލުން ބުންޏެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

ރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.

އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި މިހާރު އިއްވަމުން އަންނަ ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

އިޓްލޮސްގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ވައްދައިފައެވެ.

މަޖިލީހަށް އެ މައްސަލަ ވެއްދީ ޖުމްހޫރީ ޕާޓީ، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ.