ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ދިނުމަށް ރާއްޖެއިން 616 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "އެސްއެމްއީ އިމްޕެކްޓް ފަންޑް" ގާއިމުކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ސައުދީ އަރަބިއާގެ ޖިއްދާގައި މިއަދު ބޭއްވި އައިއެސްޑީބީގެ އަހަރީ ބައްދަލުވުންތަކުގެ ތެރެއިންނެވެ. އެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އައިއެސްޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރައީސް ޑރ. މުހައްމަދު އަލް ޖާސެރްއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އެސްއެމްއީ އިމްޕެކްޓް ފަންޑް" އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ފައިނޭންސިން ފުރުސަތުތައް ހޯދައިދިނުމަށް ހަމަޖެހިފައިވާ ފަންޑެއް ކަމަށާއި އެމްއޯޔޫގެ ދަށުން ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެ ފަންޑުން އިތުރު ވަޒީފާތައް އުފެއްދުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެސްއެމްއީ އިމްޕެކްޓް ފަންޑު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުން އެ ގޮންޖެހުންތަކަށް ހައްލެއް ލިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން އަދި ބިޒްނަސް ސަޕޯޓް ހައްލުތައް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ ފަންޑު އުފައްދަން ނިންމާފައިވަނީ އައިއެސްޑީބީން ހޯދާ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އިން ކަމަށާއި އެ ފަންޑު ވެގެންދާނީ އެކި އިންވެސްޓަރުންގެ ފައިސާ އެއް ތަނަކަށް ޖަމާކޮށް، އެ ފައިސާ އިންވެސްޓުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް ހިންގާ ފަންޑަކަށް ކަމަށެވެ. އަދި އެ ފަންޑު ދިގު މުއްދަތަކަށް ކުރިއަށްގެންދެވޭނެ ގޮތަށް ރޭވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

"ފަންޑުގެ އިންވެސްޓުމަންޓުތައް އެކި ދާއިރާތަކުގައި، ޖިއޮގްރަފީއާއި ވިޔަފާރީގެ މަރުހަލާއަށް ބަލާފައި، އަދި ތަފާތު މާލީ ވަސީލަތްތަކުގެ ތެރެއިން އިންވެސްޓުކޮށްގެން ތަފާތު ކުރާނެއެވެ. ހަލާލް ޓޫރިޒަމް ގެސްޓްހައުސްތައް ތަރައްގީކުރުމާއި އޮފީސް ޖާގަތަކާއި ލައިޓް އުފައްދާ ފެކްޓަރީތަކާއި ސްޓޯރޭޖު ގުދަންތައް ފަދަ އިންފްރާސްޓްރަކްޗާތަކަށް އިންވެސްޓުކުރުމާއި އެސްއެމްއީތަކަށް އިތުރު ލޯނު ދިނުމަށް އެސްޑީއެފްސީއަށް ފައިސާ އިތުރުކުރުމަށް ހިމެނޭ ގޮތަށް އިންވެސްޓްމަންޓުގެ އެކި ދާއިރާތަކަށް ފަންޑުން އަމާޒު ހިފާނެއެވެ...،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފިނޭންސުން އިތުރަށް ބުނީ އެ ފަންޑު ގާއިމުކުރުމަށް ބޭނުންވާ ޑިއު ޑިލިޖެންސް ފުރިހަމަކޮށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފަންޑު ހިންގަން ފެށުމަށް ސަރުކާރާއި އައިއެސްޑީބީ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.