ޕީޕީއެމް ސެނެޓް މެމްބަރު ޒާހިދު ރަމީޒުގެ ސްޓާރާޑާ ކުންފުނިން ބުރިޖު ވިއު ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ދައުލަތަށް ނެގުމުން އެކަމުގެ ބަދަލުގެ ގޮތުގައި 14 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސްޓާރާޑާ ކުންފުނިން އެދިއްޖެއެވެ.
ދައުލަތަށް ނިއުޕޯޓް ނެގުމުން އެކަމުގެ ބަދަލު ހޯދުމަށް ސްޓާރާޑާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ ކޯޓުން މައްސަލަ ނިންމީ ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އެހެންވެ ސްޓާރާޑާގެ ފަރާތުން ވަނީ ހައި ކޯޓުގެ ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ސްޓާރާޑާގެ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ކުލީގެ ފައިސާ ކަމަށްވާ 1.1 މިލިއަން ރުފިޔާ ނުދެއްކި ލަސްވި ސަބަބަކީ ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި 14 މިލިއަން ރުފިޔާ ނުލިބި ލަސްވުމުގެ ސަބަބުން ކަމަށެވެ.
ނިއުޕޯޓް ހިންގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގައި އެފަދަ ކަމެއް ފާހަގަކޮށްފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސާދަ މިލިއަން ރުފިޔާގެ ބަދަލު ނުލިބި މަޑުޖެހުނީ އޭސީސީއަށް ނިއުޕޯޓް މައްސަލަ ހުށަހެޅުމުން ކަމަށާއި އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމައި، ނިއުޕޯޓް މައްސަލައިގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ކަނޑައެޅުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި 14 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުން ވިދާޅުވީ ނިއުޕޯޓަށް ފައިސާ ނުދިނުމަށް ނިންމީ އޭސީސީއަށް މައްސަލަ ހުށަހެޅުމަކުން ނޫން ކަމަށާއި ސްޓާރާޑާއަށް ދޭން ޖެހޭނެ ބަދަލެއް ނޯންނާނެ ކަމަށެވެ. ސްޓާރާޑާއިން ނިއުޕޯޓް ވިއުގެ ކުލި ނުދައްކާތާ މަސްތަކެއް ވެފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ. އޭސީސީގެ ނިންމުމުގެ ސަބަބުން މައްސަލައަށް އެކަމުގެ އަސަރުކޮށްގެން ނުވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ނިއުޕޯޓުން ތިން މަހުގެ ކުލި ނުދައްކައިގެން ގެއްލުމުގެ ބަދަލު ދިނުމަށް ދައުލަތުން އިއުތިރާޒު ކުރާ އިރު، އެއަށްވުރެ މާ ބޮޑު އަދަދުން ކުލި ދައްކަން ޖެހޭ އަދި ތިން މަހަށްވުރެ ގިނަ ދުވަހަށް ކުލި ނުދައްކާ ތިބި ފަރާތްތަކަށްވެސް ދައުލަތުން ގެއްލުމުގެ ބަދަލު ދީފައިވާ ކަމަށެވެ. އަދި ދައުލަތުން ސްޓާރާޑާއާ މެދު ވަކި ގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދެ ފަރާތުން ވާހަކަދައްކައި ނިމުމުން، ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އޭސީސީގެ ސިޓީގެ ސައްހަކަން ކަށަވަރުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ސިޓީއާ ގުޅިގެން ފަނޑިޔާރުންގެ ސުވާލެއް އޮތްނަމަ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާނީ އެއަށްފަހު ކަމަށް ވިދާޅުވިއެވެ.
މި މައްސަަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު