ޚަބަރު

އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވައިފި

އިބްރާހިމް ޒަކީ

5

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަން ކުރެއްވީ، 2020 ވަނަ އަހަރުއެވެ.

މަގާމުން އުސްތިއުފާ ދެއްވަމުން ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި އަފްޝަން ވިދާޅުވެފައި ވަނީ، އެ މަގާމުގައި ވޭތުކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސީއީއޯގެ މަގާމުގައި ހުންނަވައިގެން އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާއި، އިސްކަން ދެއްވި ކަންތައްތަކުގެ އިތުރުން، ކުރެއްވި މަސައްކަތްތައްވެސް އެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ. ކައުންސިލްތަކުން މިހާރު ކުރިއަށްގެންދާ އެންމެ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ ކާމިޔާބު ގުޅިފައި ވަނީ ލިބިގެންދާ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަފްޝަން ވިދާޅުވެފައެއް ނުވެއެވެ. އަފްޝަން ފޯނު ނުނަންގަވާތީ އެކަމާބެހޭގޮތުން އަފްޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފިކުރުގެ ދިރުމުގެ ފެކްޝަންގައި، އަފްޝަންގެ ފިރިކަލުން، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގެންދަވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ހާއްސަކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަމްރު ގެންދަވަނީ ރައީސުލްކުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި ދެ ފެކްޝަން އުފެދިފައިވާއިރު، އެ ޕްރައިމަރީގައި އަފްޝަން އާއި އަމްރުވެސް ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟