ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފަށަަން ހަމަޖައްސައިފިއެވެ. މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުތަމަ ޖަލްސާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 ގައި ފަށަން ވަނީ ތާވަލު ކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ، ހުސްވި އޭޕްރީލްމަހުގެ 27 ވަނަ ދުވަހުއެވެ.
ފުރަތަމަ ދައުރުގައި ގިނަ ބިލު ތަކަކާއި ގަރާރު ތަކަކާއި މައްސަލަތަކެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އެހެން ދައުރުތަކާ ހިލާފަށް ފުރަތަމަ ދައުރުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް މަޑުންނެވެ.
ފުރަތަމަ ދައުރުގެ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތިންވަނަ ދައުރުން ލިބުނު 20 ބިލާއި މިއަހަރު ހުށަހެޅި 11 ބިލާއެކު ޖުމުލަ 31 ބިލު މަޖިލީހުގައި އޮތް އިރު، ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު ފާސް ކުރެވިފައިވަނީ އެންމެ ދެ ބިލެވެ.
އެއީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލެވެ. ބިލު ތަކުގެ ތެރެއިން ފަސް ބިލު މަޖިލީހުގެ ތަޅުމުގައި އޮތް އިރު 24 ބިލު ކޮމިޓީ މަރުހަލާގައި އެބައޮތެވެ.
ކުރީ ދައުރުގެ 11 ގަރާރާއި މިދައުރުގައި މެންބަރުން ހުށަހެޅުއްވި 19 ގަރާރާއެކު މަޖިލީހުގައި 30 ގަރާރު އޮތްއިރު، ފުރަތަމަ ދައުރުގައި ނިންމާލެވުނީ އެންމެ ހަތް ގަރާރުގެ މަސައްކަތެވެ. 13 ގަރާރު މަޖިލިސް ތަޅުމުގައި އޮތް އިރު 10 ގަރާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
ކުރީ ދައުރުގައި އޮތް އެއް މައްސަލައާއި، މި ދައުރުގައި ހުށަހެޅި 12 މައްސަަލައާއެކު ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 13 ގައި އޮތްއިރު، ނިންމާލެވުނީ 10 މައްސަލައެވެ. އެއް މައްސަލަ މަޖިލިސް ތަޅުމުގައި އޮތްއިރު ކޮމެޓީ މަރުހަލާގައި އޮތީ ދެ މައްސަލައެވެ.
މި ދައުރުގައި މެންބަރުން ހުށަހެޅި ކުއްލި 10 މައްސަލަ ވަނީ ނިންމާލައިފައެވެ. ކުރީ ދައުރުގެ ދެ މައްސަލައާއި ނިމުނު ދައުރުގައި ހުށަހެޅި އެއް މައްސަލައާއެކު މަޖިލީހުގެ ރިޔާސަތުން ހުށަހެޅުއްވި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ނިމުނު ދައުރުގައި ނިންމާލާފައިވާއިރު، ކޮމިޓީ މަރުހަލާގައި ދެ މައްސަލަ އަދިވެސް އެބައޮތެވެ.
މެންބަރުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުގެ ފަސް މައްސަލައާއި މި ދައުރުގައި ހުށަހެޅުއްވި އެއް މައްސަލައާއެކު ޖުމުލަ ހަ މައްސަލަ ހިމެނޭއިރު، ނިމުނު ދައުރުގައި އެއް މައްސަލަ ނިންމިއިރު، ފަސް މައްސަލަ އޮތީ ކޮމިޓީ މަރުހަލާގައެވެ.
އެހެނިހެން މައްސަލަތަކާ ގުޅޭ ކުރީ ދައުރުގެ 5 ރިޕޯޓަކާއި، ނިމުނު ދައުރުގެ 3 ރިޕޯޓާއެކު ޖުމުލަ 8 ރިޕޯޓު ހިމެނޭއިރު، ނިމުނު ދައުރުގައި ނިންމާލެވިފައި ވަނީ އެންމެ އެންމެ ތިން ރިޕޯޓުގެ މަސައްކަތެވެ. މަޖިލިސް ތަޅުމުގައި ދެ ރިޕޯޓު، ކޮމެޓީ މަރުހަލާއި ތިން ރިޕޯޓު އެބައޮތެވެ.
ވަޒީރުންނާ ސުވާލު ކުރަން މެންބަރު ހުށަހެޅުއްވި ސުވާލު ތަކުގެ ތެރެއިން ކުރީ ދައުރުގައި 46 ސުވާލާއި ނިމުނު ދައުރުގައި ހުށަހެޅި 46 ސުވާލާއެކު ޖުމުލަ 92 ސުވާލު އޮތްއިރު، މިނިސްޓަރުންނާ ކޮށްފައި ވަނީ 41 ސުވާލެވެ. އަނެއް 51 ސުވާލު އޮތީ މަޖިލިސް ތަޅުމުގެ މަރުހަލާގައެވެ.
ނިމިދިޔަ ދައުރު މަޖިލިސް ތަޅުމުން އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ، މަޖިލީހުގެ ސުޕަ މެޖޯރިޓީލިބިފައިވާ އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކެވެ. ވެރިކަން ކުރާ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތް ނަމަވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އިތުރުވެ، ނަޝީދުގެ ޓީމުން ވަނީ ސަރުކާރަށް ޕްރެޝަރު ކުރިމަތި ކޮށްފައެވެ.
މިފެށޭ ދައުރުގައި އެކަންތައް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއީ ޗާގޯސް މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން މަޖިލީހަށް ހުށަހެޅުމާއި، ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދަން އެ ފަރާތްތަކުން މަސައްކަތް ކުރަމުންދާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު