ޖުމުލަ 47 ސްކޫލަކުން ވާދަކުރާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.

މިފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ގާތްގަނޑަކަށް 1500 އަށްވުރެ ގިނަ އެތުލީޓުން ފެނިގެންދާ އިރު، މިއީ ތާރީހީ ބޮޑު މުބާރާތަކަށް ވެގެންދާނެއެވެ. ހާއްސަކޮށް ހުނަރުވެރި ޒުވާން ގިނަ އެތުލީޓުންތަކެއް މުބާރާތުގެ ތެރެއިން ފެނިގެންދާ ދިއުމަކީ އެތުލެޓިކްސްގެ ކުރިމަގަށް އެޅިގެންދާނެ ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެއެވެ.

މިއަދު ހެނދުނު އިވެންޓުތައް ފަށާފައިވާ އިރު، އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ 17 އަހަރުން ދަށުގެ އަންހެން ބައިގެ ޓްރިޕަލް ޖަމްޕް އިވެންޓެވެ. އެ އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑު، ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު ވަނީ މުގުރާލައިފައެވެ.

އަހުނާ ގައުމީ ރެކޯޑު ހެދީ 10.63 މީޓަރަށް ފުންމައިގެންނެވެ. އަހުނާ މުގުރާލި ގައުމީ ރެކޯޑު އެންމެ ފަހުން ހަދާފައިވަނީ މިއަހަރުގެ މާޗު މަހު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ނޫރާ އަބްދުލްހަމީދެވެ. އެ މުބާރާތުގައި ނޫރާ ވަނީ 10.47 މީޓަރު ދުރަށް ފުންމައިފައެވެ.

އަހުނާ ރެކޯޑު ހެދި އިވެންޓުގެ ދެވަނަ ހޯދީ ރެހެންދި ސްކޫލުގެ ހަނާން އަހުމަދު ޒާހިރެވެ. ހަނާން 8.71 މީޓަރަށް ފުންމި އިރު، ތިންވަނަ ހޯދި ކަނޑުހުޅުދޫ ސްކޫލުގެ މަރިޔަމް ނޫޔާން ނިޔާޒް ވަނީ 8.68 މީޓަރަށް ފުންމައިފައެވެ.

މިއަދު އޭގެ އިތުރުންވެސް ވަނީ ބައެއް އިވެންޓުތަކުގެ ފައިނަލް ހީޓްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފިރިހެން 15 އަހަރުން ދަށުގެ ޑިސްކަސް އުކުމުން ރަން މެޑަލް ހޯދީ މުހިއްޔުއްދީން ސްކޫލުގެ ޔޫސުފް ނިހާލް އަހުމަދެވެ. އެ އިވެންޓުގެ ދެވަނަ ރެހެންދި ސްކޫލުގެ އަބްދުﷲ ޔައިޝް ހޯދި އިރު، ތިންވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ މުހައްމަދު ޝިބާން ބިން ޝެރީނެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓްޕުޓް އެއްވަނަ ލ. އަތޮޅު މަދަރުސާގެ މުހައްމަދު ޝިޒާން ފާރޫގު ހޯދި އިރު، ދެވަނަ ހޯދީ ރެހެންދި ސްކޫލުގެ މީސަމް މުހައްމަދު އަބްދުއްރައްޒާގެވެ. އަދި ތިންވަނަ ހޯދީ ލ. އަތޮޅު މަދަރުސާގެ މުހައްމަދު އަނޫފް އަފީފެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕްގެ އެއްވަނަ ހޯދީ ދާންދޫ ސްކޫލުގެ ލުޔޫނާ ހަސަން އަހުމަދެވެ. އިމާދުއްދީން ސްކޫލްގެ އީލާފް އަބްދުއްލަތީފް ދެވަނަ ހޯދި އިރު، ތިންވަނަ ހޯދީ ލ. އަތޮޅު މަދަރުސާގެ އާމިނަތު ލަޔާ އިބްރާހިމެވެ.

އޭގެ އިތުރުން މިއަދު ކުރިއަށްދިޔަ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ހައި ޖަމްޕުން އެއްވަނަ ހޯދީ މިލަންދޫ ސްކޫލުގެ އާދަމް ޒާން ޔަޒްމީނެވެ. ދެވަނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޔުއާން އަހުތަރު ޒާހިރު ހޯދި އިރު، ތިންވަނަ ހޯދީ އަލީ ޝައިލް އާސިމެވެ. އެއާއެކު 20 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިސްކަސް އުކުމުން އެއްވަނަ އައްޑޫ ހައި ސްކޫލުގެ ކައުސަރު އާދަމް ހޯދި އިރު، ދެވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މަލްހާ މުހައްމަދު މާދީއެވެ. އަދި ތިންވަނަ ހޯދީ ސީއެޗްއެސްއީގެ ޝާވިން ނިޝާއެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ހާޑްބޯލް ތުރޯގެ އެއްވަނަ ހޯދީ މުންޑޫ ސްކޫލުގެ އައިޝަތު އިމާން އަހުމަދު ނިޒާރެވެ. ދެވަނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ މަރިޔަމް ރައުލާ ސާމިރު ހޯދި އިރު، ތިންވަނަ ހޯދީ ރެހެންދި ސްކޫލުގެ އައިޝަތު އީލިއާ ބިންތު މުހައްމަދެވެ.

އޭގެ އިތުރުން މިއަދު ވަނީ އަންހެން އަދި ފިރިހެން 17 އަހަރުން ދަށާއި، 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ހީޓްތަކާއި، 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 100 މީޓަރުގެ ޕްރިލިމިނަރީ ހީޓްތައްވެސް ކުރިއަށް ގެންގޮސްފައެވެ.

މިއަދު ހަވީރު މުބާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި އިވެންޓުގައި ހުރިހާ އެތުލީޓުން ބައިވެރިވެފައިވާ އިރު، އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކުދިންގެ ހާއްސަ އިވެންޓިތަކާއެކު މިއަދު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މިއަހަރު ފެށީ ފުރިހަމަކޮށެވެ.

މިއަހަރު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އިވެންޓުތައް މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިރު، މާދަމާވެސް ހެނދުނު 7:00 އިން 11:00 އަށް އަދި ހަވީރު 3:00 އިން 6:00 އަށް އިވެންޓުތައް ހުޅުމާލޭގައި ކުރިއަށްދާނެއެވެ.