ގެއިން ނެރެ މަގުމަތިކޮށްލި އަންހެން މީހާ އާއި އޭނާގެ ދަރިފުޅު، އެ ކުއްޖާގެ ބައްޕަ އަދި އަންހެން މީހާގެ ފިރިމީހާއެކު އެއް ގެއެއްގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ އަންހެން މީހާ ވަނީ ދަރިފުޅަށް، ބައްޕަގެ ގެއިން ބޯހިޔާވަހިކަން ހޯދުމަށް އެދި ކުރީގެ ފިރިމީހާގެ މައްޗަށް ފެމިލީ ކޯޓުގައި ދައުވާކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު ފެމިލީ ކޯޓުން ކުރި ހުކުމުގައި ބުނީ އަންހެން މީހާއަށާއި ކުއްޖާއަށް ބައްޕަގެ ގޭގައި ދިރިއުޅެވޭނެ ގޮތް ކަމާބެހޭ އިދާރާތަކުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި އެ ގޭގައި ދެމައިންގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމަށް، ކޮންމެހެން ބޭނުންވާ ފެނާއި ކަރަންޓުގެ ބޭނުންކުރުން ފަދަ ކަންކަމަށް ކުއްޖާގެ ބައްޕަ ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.
ހުކުމުގައި ބުނީ ކުއްޖާގެ ބައްޕަ އަދި މަންމަ، އެ ދެ މީހުންގެ ދަރިފުޅު ފުރިހަމަ ސިއްހަތަށާއި ރަނގަޅު ތައުލީމާއި ތަރުބިއްޔަތަށް ނޭދެވޭ އަސަރެއްކޮށްފާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ދެ ފަރާތުން އަމަލުތައް ބަހައްޓަން ވާނީ ކުއްޖާގެ މަސްލަހަތު އިސްކޮށްގެން ކަމަށް ހުކުމުގައި ބުންޏެވެ.
މި މައްސަލަ ބެއްލެވީ އިސް ގާޒީ އިބްރާހީމް މާހިރުއެވެ.
ގެއިން ނެރެލި އެ ދެމެއިން މަގުމަތިވުމުން އެ މީހުންނަށް އެންމެ ފުރަތަމަ އެހީވީ މަމްސް އެއިޑް ޖަމިއްޔާއިންނެވެ. ފަހުން އެމީހުން ވަނީ ޖެންޑާގެ ބެލުމުގެ ދަށަށް ނަގައިފައެވެ.
މަމްސް އެއިޑުން މީގެ ކުރިން ބުނެފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އެތައް އަހަރެއް ހޭދަކޮށްފައިވާ އަންހެނަކު، އޭނާގެ ފިރިމީހާ ކައިރިން ވަރިވުމަށްފަހުވެސް ވަކިން އުޅެވޭނެ އެހެން ގޮތެއް ނެތުމުން އުޅެމުން އައީ ފިރިމީހާގެ ގޭގައި ހުރި ކުޑަކޮޓަރިއެއްގައި ކަމަށެވެ. އެ ކޮޓަރިން ބައެއް ފަހަރު ހުންނަނީ ކަރަންޓު އަދި ފާހާނައިން ހުންނަނީ ފެން ކަނޑާލާފައި ކަމަށެވެ.