ކ. ފުށިދިއްގަރު ފަރަށް 2015 ވަނަ އަހަރުގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 15 ދުވަސް ތެރޭގައި 100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އެންގުމުން، އެ ފައިސާ ދައްކާފައިނުވާތީ އެ މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ މިހާރު ދައުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ކަމަށާއި އަދި ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން އެ ފަރާތުން ކުރަމުންދާ ކަމަށެވެ.

ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށްފަހުގައެވެ.

ޖޫރިމަނާގެ ފައިސާ އެ ކުންފުނިން ދައްކާފައިނުވާތީ އީޕީއޭއިން އެކަން އޭޖީ އޮފީހަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން ކުރި ޖުރީމަނާއަށް ލުޔެއް ދިނުމަށް އެ ކުންފުނިން އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއަށް ހުށަހެޅުމުން، މިނިސްޓަރު ނިންމެވީ ޖޫރިމާނާއަށް ލުޔެއް ނުދިނުމަށެވެ.

ބޯޓު ފަރަށް އެރުމުގެ އެ ހާދިސާގައި ފުށިދިއްގަރު ފަރުގެ 4370 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީޕީއޭ އިން ވަނީ މީގެ ކުރިން ބުނެފައެވެ.