ނަރުހުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވީ، ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނާ ނައިޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ފަޒްނާ ވިދާޅުވީ، ނަރުހުންނަކީ ބަލިމީހާގެ އެނދު ކައިރީގައި ސައްވީސް ގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާއި ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ، އޯގާތެރިކަމުން ފުރިގެންވާ ބައެއްކަމުގައެވެ. ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއްކަމަށްވެސް ވިދާޅުވިއެވެ.

ނަރުހެއްގެ ފަރާތުން ލިބިވަޑައިގެންނެވި ހިދުމަތާގުޅޭ ގޮތުން އެކަމަނާގެ ވަރަށް ކުރީގެ ހަނދާންތަކަކާއި އަދި ކޯވިޑް ފެސިލިޓީގައި ހިދުމަތްކުރެއްވި ދުވަސްތަކުގައި ކުރެއްވި ބައެއް ތަޖުރިބާތައް ހިއްސާކުރައްވައި މެޑަމް ފަޒްނާ ވިދާޅުވީ، ސިއްހީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަ ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިތްހަމަޖެހުން ލިބިގަންނަ ހިތްވަރު ގަދަ ބައެއް ކަމަށެވެ.