ދޮންދަރިން ކުރިމަތީގައި އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ގެވެށި އަނިޔާ، މާރާމާރީ ހިންގުން، ބިރުދެއްކުން އަދި އިންޒާރު ދިނުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހުސެއިން ސަޔެދު އިބްރާރް ހުސައިން، 53، އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެ މީހާ ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އަންހެން މީހާއަށް ދީފައިވާ އަނިޔާތަކަކީ ބޮޑެތި އަނިޔާތަކެކެވެ. އަދި އެ އަނިޔާތަކުގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ، މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން އަނިޔާ ކުރި މަންޒަރު ފެނުނީ އަންހެން މީހާގެ އިތުރުން އޭނާގެ ދެ ދަރިންނަށް ކަމަށްވާތީ، އެ މީހުންނާއި އޭނާއާ އޮތް ގުޅުމުގެ ސަބަބުން އެ މީހުންނަށް އޭނާ ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތް ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.